ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް ސ. މީދޫ، ކަރަންކާވިލާ، އަހްމަދު އަމީން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންއައިސީގެ މެންބަރު ކަމަށް އަމީން އައްޔަންކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އޭނާއަށް ރުހުން ދޭން ފާސްވީ ވޯޓުގައި ބައިވެެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

އޭނާގެ ނަން ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ އެންއައިސީގެ މެންބަރު ކަމަށް އަމީން އައްޔަންކުރަން ދޭން ފެންނަ ކަަމަަށް ނިންމާފަ އެވެ.

އެންއައިސީގައި ފަސް މެންބަރުން ތިބެންވާނެ ކަމަށް އެކޮމިޝަންގެ ގާނޫނުގައި ބުނެފައިވީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ހުށަހެޅުއްވީ ހަތަރު ބޭފުޅުންގެ ނަމެވެ. އެ ހަތަރު ބޭފުޅުންނަކީ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދާއި، އައްޑޫ މީދޫ، ހަސަންކާރިގޭ، މުހައްމަދު ފަރުހާދާއި، ބ. އޭދަފުށި ގުލިސްތާނުގޭ، ހައްސާނު ހަމީދާއި، ހދ. ނެއްލައިދޫ ދިލްޝާދު އަލްއުސްތާޒާ ޚަދީޖާ އަބްދުﷲ އެވެ.

މިހަތަރު ބޭފުޅުން އެންއައިސީގެ މެންބަރު ކަމަށް އައްޔަންކުރުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން މި ހަތަރު ބޭފުޅުން އެންއައިސީގެ މެންބަރުކަމަށް އައްޔަންކުރައްވާ މިބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ 15 އޮކްޓޫބަރު 2015 ގައެވެ.

އެންއައިސީގެ މެންބަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަންކުރައްވާ އެ ކޮމިޝަންގެ ރައީސް ކަމަށް ފަރުހާދު އަދި ނައިބް ރައީސް ކަމަށް މާނިއު ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އައްޔަންކުރައްވާފަ އެވެ.

އެންއައިސީގެ ގާނޫނަށް މިދިޔަ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމާއި ގުޅިގެން ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އާއި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަން (ސީއައިސީ) ވަނީ އުވިގެން ގޮސްފަ އެވެ. އަދި އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ނަމުގައި އެންއައިސީ އުފައްދަވާފަ އެވެ.

އެންއައިސީގެ ގާނޫނަކީ ދިވެހިރާއްޖޭގައި ހިންގަމުންދާ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެއްމެހާ އުސޫލުތައް ކަނޑައަޅައި އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާ ބެހޭ ކަންކަން ތަންޒީމު ކުރުމަށްޓަކައި ކޮމިޝަނެއް އުފައްދާ މި ގާނޫނުގެ ދަށުން އެ ކޮމިޝަންގެ ބާރު ތަކާއި މަސްއޫލިއްޔަތުތަކާއި ކޮމިޝަންގެ މެމްބަރުންގެ ސުލޫކީ ހަމަތަކާއި ކޮމިޝަން ހިނގާނެ ގޮތުގެ އުސޫލުތަކާއި ކޮމިޝަނުގެ ވާޖިބުތައް އަދާކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނު ކަަމަށް މި ގާނޫނުގައިވެ އެވެ.

އެހެންކަމުން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލާނީ ކުރިން ޕީއައިސީ އިން ބަލަމުން ދިޔަ ފުލުހުންގެ މައްސަލަތަކާއި ސީއައިސީ އިން ކުރިން ބަލަމުން ދިޔަ ކަސްޓަމްސްގެ މައްސަލަތަކާއި އިމިގްރޭޝަން ޑިޕާޓްމަންޓުގެ މައްސަލަތަކާއި އަދި ކަރެކްޝަނަލް ސާވިސްއާ ގުޅޭ މައްސަލަތަކެވެ.

މި ގާނޫނުގައިވާ ގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ކޮމްޕްލެއިންސް ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. މީގެ އިތުރުން ޓާސްކް ފޯހަކާއި، ކޮމިޝަންގެ މަސައްކަތްތަކަށް ބޭނުންވާނެ ތަފާތު އެހެނިހެން ކޮމިޓީތައް އެކުލަވާލުމުގެ ބާރު ވެސް އެންއައިސީއަށް ދީފައިވެ އެވެ.

އެންއައިސީ އިން ބަލަމުންދާ މައްސަލައެއްގައި ކޮމިޝަނަށް ހާޒިރުވާން ނެރޭ އަމުރަކާއި ގުޅިގެން އެއްވެސް ފަރާތަކުން ކޮމިޝަނަށް ހާޒިރުވުމަށާއި މައުލޫމާތު ދިނުމަށް ދެކޮޅު ހަދާނަމަ ނުވަތަ ކޮމިޝަނުގެ އެންގުމަކާ ހިލާފުވެއްޖެ ނަމަ އެފަރާތެއް 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރުވެސް އެންއައިސީއަށް ގާނޫނޫގައި ދީފައިވެ އެވެ.

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ ފަސްވަނަ މާއްދާގައިވާ ގޮތުން މި ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަހްސެކެވެ.