މާލޭގައި ހިތްފަސޭހަ މައިދާންތަކުގެ ގޮތުގައި ތަރައްގީކޮށްފައިވާ ސަރަހައްދުތައް ކުއްޔަށް ދިނުމާ ބެހޭ އުސޫލެއް އެކުލަވާލާ އާންމުކޮށްފި އެވެ.

މި އުސޫލުގައިވާ ގޮތުން އާންމު ބޭނުންތަކަށް ކުއްޔަށް ދޫކުރެވޭ ތަންތަނަކީ މާލޭގެ އިރުމަތީ ފަރާތުގައި ހަދާފައިވާ އާޓިފިޝަލް ބީޗާއި، ރަސްފަންނު ބީޗާއި، ވިލިނގިލި ބީޗާއި ރައިވެރިވޭ މައިޒާނެވެ.

އުސޫލުގައިވާ ގޮތުން މާލޭގެ އިރުމަތީ ފަރާތުގައި ހަދާފައިވާ އާޓިފިޝަލް ބީޗާއި ރަސްފަންނު ބީޗާއި އަދި ވިލިނގިލި ބީޗް ހުރިހާ އުމުރުފުރައެއްގެ ބޭނުން ތަކަށް ވެސް ކުއްޔަށް ދޫކުރެވެ އެވެ. ނަމަވެސް ރައިވެރިބޭ މައިޒާން ކުއްޔަށް ދޫކުރަނީ ހަމައެކަނި ކުޑަކުދިންނާއި ގުޅޭ ހަރަކާތްތަކަށް ހިންގުމަށެވެ.

މިތަންތަން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން 10 ދުވަސް ކުރިން ހުށަހަޅަންޖެހޭ އިރު ކުއްޔަށް ދޫކުރެވެނީ ގިނަވެގެން 24 ގަޑިއިރަށެވެ. އަދި މިއިން ކޮންމެ ތަނެއް ވެސް ކުއްޔަށް ދޫކުރަނީ ގަޑިއިރަކަށް 500 ރުފިޔާ ޗާޖު ކުރާ ގޮތަށެވެ.

މި އުސޫލުގައިވާ ގޮތުން މީގެތެރެއިން އެއްވެސް މައިދާނަކު ސިޔާސީ ހަރަކާތެއް ނުވަތަ ސިއްހަތަށް ގެއްލުންވާ ޒާތުގެ ކަމެއް ކުރުމަކީ މަނާ ކަމެކެވެ.