ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން 50 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 771 މިލިއަން ރުފިޔާގެ ލޯނެއް ނެގުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އީއައިބީ އިން ނަގާ ލޯނަކީ މޯލްޑިވްސް ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ހިމެނޭ މަސައްކަތްތައް ކުރުމަށް ނަގާ ލޯނެއް ކަމަށެވެ.
މި ލޯނަކީ ތިން އަހަރުގެ ގްރޭސްޕީރިއަޑަކާއި އެކު 18 އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ނެގުމަށް ހަމަޖެހިފައިވާ ލޯނެކެވެ. މި ލޯންގެ އިންޓަރެސްޓް ރޭޓަކީ 3.31 އިންސައްތަ އެވެ.
ސްޓެލްކޯގައި މާދަމާ ބާއްވާ ރަސްމިއްޔާތެއްގައި މި ލޯން އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާތީ މި ލޯނާ ގުޅޭ އިތުރު ތަފްސީލް މާދަމާ ހާމަކުރާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ލޯން އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރުމަށް ހަމަޖެހިފައިވަނީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ. އީއައިބީގެ ފަރާތުން ސޮއިކުރައްވަނީ އެ ބޭންކްގެ އިންވެސްޓްމަންޓް އޮފިސަރު ޑރ. ޓާއޯ ރެން އެވެ.
މި ލޯނުގެ ބޮޑު ބައެއް ހަރަދުކުރަނީ މި ޕްރޮޖެކްޓްގެ ދަށުން ސްޓެލްކޯއާއި ފެނަކައިން ކުރިއަށް ގެންދާ މަސައްކަތްތަކަށެވެ. އެހެންކަމުން މި ލޯންގެ އެއްބަސްވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވެސް ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.