ފަނޑިޔާރުންނާ ގުޅުންހުރި 30 މައްސަލައެއް މިދިޔަ އަހަރުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
މިއަަދަދު ހާމަކޮށްފައިވަނީ ޖޭއެސްސީ އިން މިއަދު އާންމުކުރި އެ ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގަ އެވެ.
މި ރިޕޯޓްގައިވާ ގޮތުން ފަނޑިޔާރުންނާ ގުޅޭ ގޮތުން މިދިޔަ އަހަރު އެކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުންގެ އިންޓެގްރިޓީއާ ގުޅޭ 27 ޝަކުވާއަކާއި ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކުރަންޖެހޭނެ ކަމަށް ބުނެފައިވާ އުސޫލާ ހިލާފަށް ބައެއް ފަނޑިޔާރުން އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ ތިން މައްސަލައެކެވެ.
ފަނޑިޔާރުންނާ ގުޅުންހުރި 30 މައްސަލައެއް ޖޭއެސްސީއަށް މިދިޔަ އަހަރު ހުށަހަޅާފައިވާއިރު މިއީ 2014 ވަނަ އަހަރަށް ވުރެ މަދު އަދަދެކެވެ. ފަނޑިޔާރުންނާ ގުޅުންހުރި މައްސަލަތަކުގެ ގޮތުގައި 2014 ވަނަ އަހަރު ޖޭއެސްސީއަށް ހުށަހަޅާފައިވަނީ 41 މައްސަލަ އެވެ.