އައްޑޫ ސިޓީގައި ފުލުހުން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ހިންގާ 13 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އައްޑޫގައި އިއްޔެ ފެށި އޮޕަރޭޝަންގައި މައިގަނޑު މަސައްކަތެއްގެ ގޮތުގައި އަމާޒު ހިފާފައިވަނީ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ލިބޭގޮތަށް ރަށުތެރޭގައި ހިނގަމުންދާ ކަންކަން ބަލައި ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައްކޮށް މިހާރަށް ވުރެ ހަރުދަނާކޮށް ރަށުތެރެ ބެލެހެއްޓުން އިތުރުކުރުމަށް ކަމަށެެވެ. މީގެ އިތުރުން ރަށުތެރޭގެ އެކި ސަރަހައްދުތަކުގައި ބޭނުމެއްނެތި އުޅޭ މީހުން ހުއްޓުވައި ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންގެ މައުލޫމާތު ސާފުކުރަމުން ގެންދާނެ ކަމަށްވެސް ބުނެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި މިހާތަނަށް ރަށު ތެރޭގެ ގިނަ ސަރަހައްދުތައް ބަލައި ފާސްކޮށް ކުށަށް އަރައިގަތުމަށް މަގުފަހިވާ ފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ހާއްސަ ގޮތެއްގައި 10 ތަނެއް ބަލައި ފާސްކޮށް 23 އުޅަނދެއް ބަލައި ފާސްކޮށްފަ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މީހުންނާ މަގުމަތިން ސުވާލުކޮށް އެމީހުން ހުއްޓުވައި ބަލައި ފާސްކޮށް 13 މީހަކު ހައްޔަރުކޮށް މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ގެނެވުނު މީހަކާއި ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގެނެވުނު މީހަކު ހިމެނޭ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފުލުހުންގެ މި އޮޕަރޭޝަން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި އޮޕަރޭޝަންގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ރަށުތެރޭގައި މީހުން ނޫޅޭ ފަޅުގެތަކާއި ބޮޑެތި ބިންތައް ބަލައި ފާސްކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ. ހާއްސަ ގޮތެއްގައި ގެދޮރު އިމާރާތް ކުރުމަށްފަހު ރަށުގެ އެކަހެރި ސަރަހައްދު ތަކުގައި ހުންނަ ފަޅުގެތައް ބެލުމާއި އެކި ސަރަހައްދުތަކުގައި ކަމެއްނެތި ގުރޫޕްތައް އެއްވާ ސަރަހައްދުތައް ބަލައި ފާސްކުރަމުން ގެންދާ ކަމަށްވެސް ބުނެ އެވެ.

އައްޑޫ ސިޓީގައި ފުލުހުން މިފަދަ އޮޕަރޭޝަނެއް ހިންގަމުން ދިޔަ ނަމަވެސް އާންމުކޮށް ހިންގާ ޕެޓްރޯލް ކުރުމާއި ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށް ފުލުހުން ބުނެ އެެވެ.