ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ކޯޓުން މިގޮތަށް އަމުރުކުރީ ގާޒީ ނިހާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކާއި ގުޅިގެން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ.

ގާޒީ ނިހާންގެ މައްޗަށް ދައުލަތުން މިހާރު ވަނީ ހަތަރު ދައުވާ އެއް އުފުލާފަ އެވެ. އެއީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެންނުވާ އަމަލެއް ކުރުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

ނިހާނާއި ދެކޮޅަށް ދައުލަތުން ހަތަރު ދައުވާއެއް ކުރަން ކޯޓަށް ފޮނުވި ނަމަވެސް މިއަދު އިއްވާފައިވަނީ ތިން ދައުވާ އެކެވެ. މި ދައުވާތައް އިއްވުމުން ގާޒީ ނިހާން ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށެވެ. އަދި ދައުވާތަކަށް އިންކާރުކުރައްވާ ކަމަށާއި މައްސަލާގައި ކުރިއަށްދާން ބޭނުމީ ވަކީލަކާއި އެކު ކަމަށެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އަލީ ވަނީ ވަކީލަކު ހަމަޖައްސަން އޭނާއަށް ތިން ދުވަސް ދެއްވާފަ އެވެ.

ގާޒީ ނިހާން ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރުކުރީ އޭނާ ދޫކޮށްލައިފިނަމަ ހެކި ނައްތާލަން މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުން ބުނުމުންނެވެ. އެގޮތަށް ދައުލަތުން އެދުމުން ނިހާން ވިދާޅުވީ އޭނާ މިހާރުވެސް ހުރީ ބަންދެއްގައި ކަމަށާއި ވަކީލަކު ނެތި އޭނާގެ ބަންދާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. ނިހާން އެގޮތަށް ވިދާޅުވި ނަމަވެސް ދައުލަތުން އެދުނު ގޮތަށް އަމުރު ނެރެދެއްވުމަށްފަހު ގާޒީ ވިދާޅުވީ މިމައްސަލައިގެ ޝަރީއަތް އަވަސްކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގާޒީ ނިހާން ހައްޔަރުކުރީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިހާންގެ މައްސަލައެއް ބަލަމުންދާތީ އެކޮމިޝަނުން ވަނީ އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.

ނިހާންގެ އިތުރުން މިމައްސަލާގައި ތުހުމަތުކުރާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފަ އެވެ. މުހުތާޒްގެ މައްޗަށް ތިން ދައުވާ ކުރުމަށް ވަނީ ނިންމާފަ އެވެ. އެއީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އެވެ.