ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ ޖަރުމަން ވިލާތުގެ ބާލިންގައި މާދަމާ ފަށާނެއެވެ. ފެއާ ފެށުމުގެ ގޮތުން ބާއްވާ ގާލާ އޯޕަނިންގ ސެރަމަނީ އޮންނާނީ މާދަމާރޭ މާލޭ ގަޑިން 22:00 ގައެވެ. އަދި ފެއާ ކުރިޔަށް ދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޯމަ ދުވަހާއި ހަމައަށެވެ. މިއަހަރަކީ އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓީބީ) ގެ 50 ވަނަ ރަންޔޫބީލް އަހަރަށްވުމުގެ އިތުރުން މިފެއާގައި މިއަހަރު ކަންޓްރީ ޕާޓްނަރ އަކީވެސް ދިވެހިރާއްޖެއެވެ. އެހެން ކަމުން ފެއާގެ ސަބަބުން ރާއްޖެއަށް ލިބޭ ސަމާލުކަން އިތުރުވެގެން ދާނެއެވެ.

ގާލާ އޯޕަނިންގ ގެ ކުރިން، ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން މާދަމާ މާލޭ ގަޑިން، މެންދުރު 2:00 ޖަހާއިރު އޮންނާނެއެވެ. މިނޫސްވެރިންގެ ބައްދަލުވުންވެސް ކުރިއަށް ގެންދާ ފަރާތަކީ ދިވެހިރާއްޖެ ކަމަށް ވުމުން، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ޚަބަރުތައް ހިމެނިގެން ދިޔުމަކީވެސް، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުވެގެން ދާނެ ކަމެކެވެ.

ގާލާ އޯޕަނިންގ ގައި އޮތް އެންމެ ޚާއްސަ ކަމަކީ، މުޅި އެހަރަކާތް އިންތިޒާމްކޮށް ހިންގާ ފަރާތަކީ، ދިވެހިރާއްޖެއަށް ވުމުގެ އިތުރުން ގާލާގައި ރާއްޖެއިން ހުށައަޅައިދޭ ހުށައެޅުމެވެ. ރާއްޖޭގައި މަސްވެރިކަމުގެ ބޭނުން ކުރި އޮޑީގެ ތާރީޚުތައް ސްޓޭޖް ހަރަކާތެއްގެ ގޮތުގައި ފެނިގެން ދާއިރު، މިއީ ރާއްޖެއިން ބޭރުގައި ހުށައަޅައިދެވޭ މިފަދަ އެެންމެ ބޮޑު ހުށައެޅުމެވެ. މިހުށައެޅުމުގައި ރާއްޖޭގެ ސަޤާފީ ހަރަކާތްތައްވެސް ހިމަނާފައިވާއިރު، ޖުމުލަ 60 އަށް ވުރެ ގިނަ ބައިވެރިން މިހަރަކާތުގައި ބައިވެރިވެއެވެ.

މީގެ އިތުރުން ގާލާ ބާއްވާ މުޅި ހޯލްވެސް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތަކާއި، ރީތިކަމާއި، ދިވެހި ފަންނުވެރިކަމުގެ ހުނަރުތައް ފެނިގެންދާ ގޮތަށެވެ.

ގާލާ އޯޕަނިންގއަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެކަމުގައި ޓެކްނިކަލް ބޮޑު ޓީމެއް ހަރަކާތްތެރިވަމުން ދެއެވެ. މިގޮތުން ގާލާ ބާއްވާ ބާލިންގ ގެ ސިޓީ ކިއުބު ހޯލް ތައްޔާރުކުރުމުގެ އިތުރުން މިއަދު ވަނީ މިހަރަކާތުގެ ރިހާސަލްތައް ފަށާފައެވެ.