މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން މާލެ އަތޮޅު ފަޅެއް އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރި މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މިއަދުގެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކްރިމިނަލް ކޯޓުން ބުނެފައެއް ނުވެ އެވެ.

އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ވެސް އިއްޔެ ވަނީ ކެންސަލް ކޮށްފަ އެވެ.

މިއަދަށް ތާވާލްކުރި އަޑުއެހުމުގައި އަދީބްގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. އަޑުއެހުން ކެންސަލުކުރި ސަބަބެއް ސާފެއް ނުވެ އެވެ. އިއްޔެ ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަދީބުގެ ޓެރަރިޒަމް މައްސަލަ ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

މި މައްސަލައިގައި އަދީބުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ. މިދައުވާ އަދީބްގެ މައްޗަށް އުފުލާފައިވަނީ 30 ސެޕްޓެމްބަރު 2015 ގައި އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް ކުއްޔަށް ދިން މައްސަލާގަ އެވެ. އަދީބް ވަނީ މިދައުވާއަށް އިންކާރުކުރައްވާފަ އެވެ.

މިމައްސަލާގައި މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އެމްއެމްޕީއާރްސީ އިން އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ފަޅެއް ކުއްޔަށް ދޫކޮށްލިއިރު އެތަނުން ދައުލަތަށް ލިބެން ޖެހޭ ކުއްޔާ އިދާރީ ފީވެސް ލިބިފައި ނެތް ކަމަށެވެ. ދައުލަތުގެ ދައުވާ ސާފު ނުވާ ކަމަށް އަދީބްގެ ވަކީލު އެ ދުވަހު ވިދާޅުވުމުން ދައުލަތުގެ ދައުވާ ވަކީލަށް ސާފުކޮށްދިނުމަށް ވަގުތުތަކެއް ހޭދަވެގެން ދިޔަ އެވެ.

އެދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ މި ފަޅު ގަވައިދާ ހިލާފަށް އަމިއްލަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީ ހިންގުމާ އަދީބް ހަވާލުވެވަޑައިގެން ހުންނެވި ދުވަސްވަރު ކަަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ މި ފަޅު ބަޔަކަށް ކުއްޔަށް ދިން އިރު އެތަނަކީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތަނެއް ވެސް ނޫން ކަމަށެވެ. ނަމަވެސް އެތަން އަމިއްލަ ފަރާތަަކަށް ހަވާލުކުރުމުގައި ޓޫރިޒަމް މިނިސްޓްރީގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރި ކަން ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުގެ ވާހަކަތަކާއި ގުޅިގެން އަދީބްގެ ވަކީލް މޫސާ ސިރާޖު ވަނީ ދައުލަތުން ބުނާ ފަޅުގެ މައުލޫމާތު ސާފުކޮށްދޭން އެދިފަ އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އަދީބް ތަހުގީގަށް ދެއްވާފައިވާ ބަޔާނުގައި އެފަޅުގެ މައުލޫމާތު ހިމަނާފައިވާ ކަމަށެވެ. ނަމަވެސް އެ ފަޅަށް އެއްވެސް ނަމެއް ދީފައި ނެތް ކަން ފާހަގަކުރައްވާ ދައުލަތުގެ ވަކީލް ވިދާޅުވީ ފަޅުގެ މައުލޫމާތު ކުރިއަށް ހުރި އަޑުއެހުންތަކުގައި ހިއްސާކުރަމުންދާނެ ކަަމަށެވެ.

އެމްއެމްޕީއާރްސީ އިން ދޫކުރި ފަޅުގެ މައްސަލާގައި އަދީބްގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. ޒިޔަތު ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާކުރީ އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް ދައުލަތުން ބުނާ ފަޅު ކުއްޔަން ދިނުމުން އެކަމުގެ އަގުގެ ގޮތުގައި އެ ކުންފުނީގެ ފަރާތުން ދައުލަތަށް ދެއްކި އެއް މިލިއަން ޑޮލަރުގެ ޗެކާ ޒިޔަތު ހަވާލުވެ އެ ޗެކުގައިވާ ފައިސާ ދައުލަތަށް ލިބިފައި ނުވާތީ އެވެ.