އެޑިއުކޭޝަން އެންޑް ޓްރޭނިން ސެންޓާ ފޯ ޗިލްޑްރެން (އީޓީސީސީ) ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީޓީސީސީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން އީޓީސީސީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ތާއީދުކޮށް 51 މެންބަރަކު ވަނީ ވޯޓް ދެއްވާފަ އެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ފަސް މެންބަރަކު އިންނެވި އެވެ.
ކ. މާފުށީގައި ހިންގާ އީޓީސީސީ މީގެ ކުރިން ހިންގަމުން ގެން ދިޔައީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ދަށުންނެވެ.
މިމައްސަލަ ދިރާސާކުރީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ. އެކޮމިޓީން ވެސް ނިންމާފައިވަނީ އީޓީސީސީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށެވެ.
އީޓީސީސީ ނުވަތަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގައި ބައިތިއްބަނީ އަހުލާގީ މައްސަލަތަކާ ގުޅިގެން އާއިލާއަށް ބަލަހައްޓަން ދަތިވާ އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ކުދިންނެވެ.