ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ޖަރުމަނަށް މިއަދު ފުރާވަޑައިގެންފި އެވެ.

މި ދެ ބޭފުޅުންގެ މި ދަތުރުފުޅަކީ މިމަހުގެ 9 އިން 13 އަށް ޖަރުމަނުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އައިޓީބީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޖަރުމަނަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިފަހަރުގެ ފެއާގެ ތެރެއިން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ.

ޒަމީރު އިތުރަށް ވިދާޅުވީ މި ފެއާގައި އެންވަޔަރަންމަންޓް މިނިސްޓަރު ބައިވެރިވެޑައިގަންނަވަނީ ރާއްޖޭގެ ތިމާވެއްޓާއި ފަތުރުވެރިކަން ވަރަށް ބޮޑަށް ގުޅިފައިވާތީ ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަނީ ހަމައެކަނި ގޮނޑުދޮށްތަކުގެ ވާހަކަތަކުން ނޫން. އޭގެ އިތުރުން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް އޮތް ތަނެއްގެ ގޮތުގައި ވެސް އަޅުގަނޑުމެން މިދަނީ ރާއްޖެ ޕްރޮމޯޓްކުރަމުން،" ޒަމީރު ވިދާޅުވި އެވެ.

ރާއްޖެއަކީ އައިޓީބީ ފެއާގެ މިއަހަރުގެ އޮފިޝަލް ޕާޓްނާ ކަމުގައިވާއިރު މިއަހަރުގެ ފެއާގައި ރާއްޖެއިން 260 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ.

މި ފެއާ ފެށުމުގެ ގޮތުން ބާއްވާ ގާލާ އޯޕަނިން ރަސްމިއްޔާތުގައި ރާއްޖޭގެ ތަފާތު ހުށަހެޅުމެއް ފެނިގެން ދާނެ ކަމަށް އެމްއެމްޕީއަރްސީ އިން މައުލޫމާތުދެ އެވެ.