ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް)އަށް މިދިޔަ އަހަރު ޖުމްލަ 592 މައްސަލަ ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު އެކޮމިޝަންގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެކޮމިޝަނަށް ހުށަހެޅިފައިވަނީ ޖުމްލަ 592 މައްސަލަ އެވެ. އެކިއެކި ސަބަބުތަކާ ހެދި ޖުމުލަ 775 މައްސަލައެއް ކޮމިޝަނުގައި އަދިވެސް ގޮތެއް ނުނިމި އޮތް ކަމަށްވެސް ރިޕޯޓުގައިވެ އެވެ.

އެޗްއާރްސީއެމްއަށް މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު 50 ޕަސެންޓް މައްސަލަތަކަކީ އިންސާނީ އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކެވެ.

އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި އިންސާނީ ހައްގަކަށް އުނިކަން އަތުވެދާނެ ކަމަށް ބަލައި، އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް މިދިޔަ އަހަރު ނިންމާފައިވާ ކަމަށްވެސް އެޗްއާރްސީއެމްގެ ރިޕޯޓުގައިވެ އެވެ.