ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ލުޔެއް ހޯދުމަށް މަޝްވަރާކުރަން ސަރުކާރުން އެމްޑީޕީއަށް ދައުވަތު ދިން ނަމަވެސް ނަޝީދު މިނިވަންކުރުމަށް ސަރުކާރާއި އެކު ކުރަންޖެހޭ މަޝްވަރާއެއް ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.

ސިޔާސީ ޕާޓީ ތަކާއި އެކު ސަރުކާރުން ބާއްވާ މަޝްވަރާތަކަށް އެމްޑީޕީއާއި އަދާލަތު ޕާޓީން ހާޒިރު ނުވާތީ ސަރުކާރުން މިއަދު ވަނީ އެމްޑީޕީއާ ވަކިން މަޝްވަރާ ބައްދަލުވުމެއް ބާއްވަން ދައުވަތު ދީފަ އެވެ. ސަރުކާރުން އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މާދަމާ މެންދުރު 1:00 ޖަހާއިރު މިބައްދަލުވުމަށް ހާޒިރުވުމަށް ދައުވަތުދޭ ކަމަށެވެ. މިބައްދަލުވުމުގައި މަޝްވަރާ ކުރަން ނިންމާފައިވަނީ ރައީސް ނަޝީދަށް ލުޔެއް ދެވިދާނެ ގޮތަކާއި ގުޅޭގޮތުންނެވެ.

ސަރުކާރުގެ މިސިޓީއާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު މިއަދު ވިދާޅުވީ ޖަލުތަކުގައި ތިބޭ މީހުންނަށް މައާފު ދިނުމާއި، ލުއިދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ލިބިވަޑައިގެންފައިވާ ބާރަކަށް ވާތީ އެކަމުގައި އެމްޑީޕީއާއި ސަރުކާރުން ކުރަންޖެހޭ އެއްވެސް މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.

ނިޔާޒު ވިދާޅުވީ ސަރުކާރުން އެމްޑީޕީއަށް ފޮނުވި ސިޓީގައި އޮތީ ރައީސް ނަޝީދަށް ލުޔެއް ދިނުމަށް މަޝްވަރާ ކުރަން ބޭނުންވާ ވާހަކަ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް ލުޔެއް ދިނުމުގެ ވާހަކަ އެއްވެސް އިރަކު އެމްޑީޕީން ނުދައްކާ ކަމަށާއި އެމްޑީޕީން އަބަދުވެސް ދައްކަނީ ރައީސް ނަޝީދު މުޅިން މިނިވަންކުރާ ވާހަކަ ކަަމަށްވެސް ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން ސިޔާސީ މައިދާނުގައި މިވަގުތު ހަރަކާތްތެރިވަމުންދާތީ ސަރުކާރާ މަޝްވަރާކުރަން ދިޔަ ނަމަވެސް އެމްޑީޕީން ދާނީ އަދާލަތު ޕާޓީއާއި އެކު ކަމަށެވެ. އަދި އެމްޑީޕީން ދައްކަނީ ރައީސް ނަޝީދު މިނިވަންކުރާ ވާހަކަ އެކަނި ނޫން ކަމަށާއި ނުހައްގުން އަދަބު ދީފައިވާ ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަކީ ވެސް އެމްޑީޕީން ކުރާނެ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ މަޝްވަރާ ކުރަން ޖެހެނީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުަމަށް ކަމަށާއި މަޝްވަރާގައި އެމްޑީޕީން ބައިވެރިވާނެ ގޮތްތައް ސަރުކާރަށް އެކިގޮތްގޮތުން ހުށަހަޅާފައިވާނެ ކަމަށެވެ.