މިދުވަސްވަރަކީ އެކި ގޮތްގޮތުން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ދުވަސްވަރެކެވެ. އެގޮތުން އޮޅުވާލައިގެން ފޯނަށް ރާސްޓަސް ނުވަތަ ރީލޯޑް ކުރުވުމާއި، އޮޅުވާލައިގެން މީސްމީހުންގެ ބޭންކު އެކައުންޓުގެ މައުލޫމާތު ހޯދައިގެން ބޮޑެތި އަދަދުތަކުން އެކައުންޓުން ފައިސާ ނެގުމާއި، އެކިއެކި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން ވަނީ އާންމުވެފައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ މިކަންކަމަށް ސަމާލުވުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.

އަމީނީމަގުގައި ހުންނަ ރެހެންދި ފްލެޓުތަކުން ފްލެޓު ލިބުނު ކަމަށް ބުނެ ހައުސިން މިނިސްޓްރީގެ ނަމުގައި ވެސް މިހާރު މިވަނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މީޑިއާގެ ސަމާލުކަމަށް އެކަން ގެނެސް ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނަނީ ރެހެންދި 1 އަދި ރެހެންދި 3 އިން ފްލެޓު ލިބިފައިވާ ކަމަށް ބުނެ މިނިސްޓްރީގެ ނަމުގައި ގުޅައި ފްލެޓަށް ޑައުންޕޭމަންޓް ފައިސާ ދެއްކުމަށް ބަޔަކު އެދެމުންދާ ކަމަށެވެ. ނަމަވެސް މިއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި މިގޮތަށް ޑައުންޕޭމަންޓް ފައިސާ ހޯދުމަކީ މިނިސްޓްރީން އަމަލުކުރާ އުސޫލެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ރެހެންދި 1 ގެ އެއް ފްލެޓާއި އަލަށް އިމާރާތް ކުރާ ރެހެންދި 3 ގެ ދިހަ ފްލެޓު ވިއްކަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ފްލެޓު ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ޑައުންޕޭމަންޓް ފައިސާ ހޯދަން ބަޔަކު ގުޅަން ފަށާފައި މިވަނީ ފްލެޓު ގަންނަން ބޭނުންވާ މީހުންނަށް ފްލެޓްތަކުގެ މައުލޫމާތު ވެސް ނުލިބި ވަނިކޮށެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ފްލެޓްތައް ގަތުމަށް ޝައުގުވެރިވާ މީހުން މިމަހުގެ 10ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު މިމަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީހިސާބު މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ކަމަށެވެ. ފްލެޓްތަކަށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިގަތުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ މީހުންގެ ހާޒިރުގައި ހުށަހަޅާ ގަޑީގައި ކަމަށްވެސް އިއުލާންގައި ވެއެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަ ބޮޑުވެ އެފަދަ އެތައް މައްސަލައެއް ފުލުހުންނަށް ވެސް ވަނީ ހުށަހެޅިފައެވެ. މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރި ދިވެހި އަންހެނަކު ހައްޔަރުކޮށް އެމައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ބުނެފައެވެ.

މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ ބޭރު ގައުމެއްގެ ވިޔަފާރިވެރިއެއްގެ ނަމުގައި ރާއްޖޭގައި ވިޔަފާރި ފަށައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެމައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ. އެ އަންހެންމީހާ ހައްޔަރުކުރުމަށް ފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރަން 5 ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.

މަކަރާއި ހީލަތުން އެކި ގޮތްގޮތުން ފައިސާ ހޯދަން ދިވެހިންގެ ތެރެއިން ބަޔަކު ކުރަމުންދާ މަސައްކަތުގައި މިވަނީ އަނެއްކާވެސް އައު ގޮތްތަކެއް ހޯދައި އެގޮތަށް ރޭވުންތައް ރާވައި ފައިސާ ހޯދަން ފަށާފައި ކަމަށާއި މިކަމަށް ދިވެހިން ހޭލުންތެރިވެ ތިބެންޖެހޭ ކަމަށް ފުލުހުން ބުނެއެވެ.