މަސްތުވާތަކެތީގެ ނުރައްކާތެރި ބާއްވަތެއް ކަމުގައިވާ ސިންތެޓިކް ކެތިނޯންސް (ބާތު ސޯލްޓްސް ނުވަތަ ކްލައުޑް ނައިން) ރާއްޖެއަށް އެތެރެކޮށް ބޭނުންކޮށްފައިވާ ކަން މިހާތަނަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި މިގޮތަށް ބުނެފައި މިވަނީ ބައެއްގެ ގައިގައި ދަތްއަޅައި ބޮޑެތި ޒަހަމްތަކެއް ދީފައިވާ މައްސަލަތަކެއް މީޑިއާގައި ފެންމަތިކޮށް ތަފާތު ހަބަރުތައް ފެތުރެމުންދާ ވަގުތެއްގަ އެވެ.
ފުލުހުންގެ އިދާރާ އިން ބުނީ ސިންތެޓިކް ކެތިނޯންސް (ބާތު ސޯލްޓްސް ނުވަތަ ކްލައުޑް ނައިން) ރާއްޖެއަށް އެތެރެކޮށް ބޭނުންކޮށްފައިވާކަން މިހާތަނަށް ފުލުހުންގެ ތަހުގީގު ތަކުން ފާހަގަކުރެވިފައި ނެތް ކަމަށެވެ. އަދި އެފަދަ މަސްތުވާތަކެތީގެ ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކޮށްފައިވާ ކަމުގެ އެއްވެސް ރިޕޯޓެއްވެސް ފުލުހުންނަށް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް ބުނެ އެވެ.
ފުލުހުން ބުނީ މިމަހުގެ ދެވަނަ ދުވަހު މާލޭގެ މިސްކިތެއްގައި ހުރި މީހެއްގެ ކަންފަތުގައި ދަތްއަޅައި ޒަހަމްކޮށް ކަންފަތުން ބައެއް ވަކިކޮށްލުމުގެ މައްސަލައިގެ އިތުރުން މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ކާރު ޑްރައިވަރެއްގެ އަތާއި ބޮލުގައި ދަތް އަޅައި ޒަހަމްކޮށްލި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހުންގެ ތެރެއިން އެކަކުވެސް އެފަދަ ޑްރަގެއް ބޭނުން ކޮށްފައިވާކަން ފުލުހުންގެ ތަހްލީލުތަކުން ނުދައްކާ ކަަމަށެވެ.
"އެހެންކަމުން ސިންތެޓިކް ކެތިނޯންސް (ބާތު ސޯލްޓްސް ނުވަތަ ކްލައުޑް ނައިން) ބޭނުންކޮށްފައި ނުވާކަން އަދި އެ ޑްރަގް ބޭނުންކޮށްފައިވާ މީހެއްގެ ފުށުން މިހާތަނަށް އެއްވެސް މީހަކަށް ރާއްޖޭގައި އަނިޔާއެއް ލިބިގެންގޮސްފައި ނުވާ ކަމުގެ ޔަގީންކަން ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނިއުރޯ ސައިންސްގެ ދާއިރާގައި ފުންނާބުއުސް ތަޖުރިބާކާރުން ހަދާފައިވާ ސްޓަޑީތަކުގައިވާ މައުލޫމާތަށް ބަލާއިރު ބާތު ސޯލްޓްސް ބޭނުންކުރުމާ މިނިމަސް ކެއުމަށް ބޭނުންވުމާ ގުޅުމެއްވާ ކަމަކަށް ނުބެލެވޭ ކަމަށެވެ.