ވިޔަފާރިވެރިންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ނައިޓް މާކެޓް މިއަހަރުވެސް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޖަމިއްޔާއިން ބުނެފި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އާސިފް ވީނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރަމަޟާން މަހަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް އެޖަމްއިއްޔާއިން ބާއްވަމުން އަންނަ ނައިޓް މިއަހަރުވެސް މާކެޓް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.، އެހެންނަމަވެސް، މިހާތަނަށް ނައިޓްމާކެޓް ބާއްވަމުން އައި ސަރަޙައްދު ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރުމަށް ބަންދުކޮށްފައި އޮތުމުން ނައިޓް މާކެޓް ބާއްވާނެ ތަނެއް އަދި ކަނޑަނޭޅޭ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

" ނައިޓް މާކެޓް ބޮޑުތަކުރުފާނު މަގުގައި ބޭއްވުމަށް ވިސްނާއިރު މިވަގުތު މާލޭގެ ޓްރެފިކަށްވެސް ވިސްނަން ޖެހޭ. އެހެންކަމުން މިހާރު ކުރަމުންދަނީ އެސަރަޙައްދުގައި ނައިޓް މާކެޓް ބޭއްވޭނެތޯ ނުވަތަ ނޫންތޯ ބެލުމަށް ދިރާސާ ކުރުމުގެ މަސައްކަތް." އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ މާލޭގައި ދުއްވާ އެއްޗެހި ގިނަވެ ޓްރެފިކް މައްސަލަ ބޮޑުކަމުން ހެވީ ލޯޑް ވެހިކަލްތައް މިވަގުތުވެސް ބޮޑަށް ބޭނުން ކުރަމުންދަނީ ބޭރު މަގު ކަމަށެވެ. އަދި އެހެންކަމުން އެމަގު ބްލޮކްވެއްޖެ ނަމަ ދިމާވެދާނެ ދަތިތަކަށް ބަލަން ޖެހޭ ކަމަށާއި ނައިޓް މާކެޓާއި މެދު ގޮތެއް ނިންމޭނީ ބާއްވާނެ ސަރަޙައްދެއް ކަނޑައެޅިގެން ކަމަށް އާސިފް ވިދާޅުވި އެވެ.

ނައިޓް މާކެޓަކީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާއި ދިމާކޮށް މާލޭގައި ބާއްވަމުން އަންނަ ވިޔަފާރީގެ ބޮޑު ޢީދެކެވެ. މިދުވަސްވަރު ރައްޖޭގެ އެކި ހިސާބުތަކުން ނައިތް މާކެޓަށް ވިޔަފާރި ކުރުމަށްޓަކާއި މާލެ އަންނަކަން ފާހަގަކުރެވެއެވެ. އަދި ވިޔަފާރިވެރިންވެސް މިފަހަކަށް އައިސް ނައިޓްމާކެޓަށް ޙާއްސަކޮށްގެން ތަކެތި ހެޔޮއަގުގައި ވިއްކުމަށްޓަކާ ގެންނަކަން ފާހަގަ ކުރެވެއެވެ. އަދި މިއީ މެދުފަންތީގެ ވިޔަފަރިވެރިންނަށާއި އަދި ވިޔަފާރި ފަށަން ބޭނުންވާ މީހުންނަށްވެސް ކުދި ކުދި އެއްޗެހިގެނެސް ނައިޓްމާކެޓްގައި ސްޓޯލްތަކުގައި ބަހައްޓައިގެން ވިއްކާ ވިޔަފާރި ފަށައިގަންނަން ލިބޭ ރަނގަޅު ޕްލެޓްފޯމަކަށެވެ. ހަމައެހެންމެ ނައިޓްމާކެޓަކީ އެކިބާވަތުގެ ތަކެތި ވިއްކާ ވިޔަފާރިވެރިންގެ އިތުރަށް ކެފޭ އާއި ރެސްޓޯރެންޓްތައް ހިންގާ މީހުންނަށްވެސް އެމީހުންގެ ރަހަ ދައްކާލަން ލިބޭ ރަނުގެ ފުރުސަތެކެވެ.

މިދިޔަ އަހަރުގެ ނައިޓްމަކެޓްގައި 500 މޭޒު ބަހައްޓާފައިވާއިރު މާކެޓް ފަށާފައިވަނީ ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރި ޕެރެމޯޓާ ހަރަކާތްތަކާ އެކުއެވެ.