ނެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ 19 ވަނަ މައިލޯ އިންޓަ ސުކޫލް ނެޓްބޯޅަ މުބާރާތް މިއަދު ފަށައިފި އެވެ.

ޖުމްލަ 13 ސުކޫލަކުން 28 ޓީމް ވާދަކުރާ މިމުބާރާތުގައި މިއަދު ހަވީރު ވަނީ 12 އަހަރުން ދަށުގެ ތިން މެޗެއް ކުޅެފައެވެ. އެގޮތުން މިއަދުގެ ފުރަތަމަ މެޗް ރެހެންދި ސްކޫލާ ވާދަކޮށް 8-6 އިން ކާމިޔާބުކުރީ ކަލާފާނު ސްކޫލުންނެވެ. ދެ ވަނަ މެޗް އަރަބިއްޔާ އާއި ވާދަކޮށް 3-8 އިން ކާމިޔާބު ކުރީ ޖަމާލުއްދީން ސްކޫލެވެ. އަދި ތިން ވަނަ މެޗް ލާލޭ ސްކޫލާ ވާދަކޮށް 22-0 އިން ކާމިޔާބު ކުރީ އިސްކަންދަރު ސްކޫލެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ، މުބާރާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ކަމަށާއި އެގޮތުން މިރޭ 16 އަހަރުން ދަށުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިރޭ ކުޅޭ ފުރަތަމަ މެޗުގަިއ ބައްދަލު ކުރާ ދެޓީމަކީ ޖަމާލުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ވިލާ ކޮލެޖާއި އަހުމަދިއްޔާ އެވެ.

މިމުބާރާތް ކުރިއަށްދަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެގޮތުން އެ އުމުރު ފުރާތަކަކީ 12 އަހަރާއި 14 އަހަރާއި 16 އަދި 19 އަހަރެވެ.

މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ސޯސަލްސެންޓަރު އައުޓްޑޯ ކޯޓުގައެވެ.