މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މާލޭގެ ގޭގެއަށް ގޮސް ސާވޭއެއް ކުރަން ނިންމައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިސާވޭ ފަށާނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ. މާލޭގެ ގޭގެއަށް ގޮސް ސާވޭ ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ދެ ކަމަކަށް ކަމަށް އެކުންފުންނިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީގެ ސާވޭގެ ބޭނުމަކީ ކުންފުނީގެ ސްވަރޭޖް ނެޓްވޯކާ ގުޅިފައި ހުރި ދިޔަދޮވިތައް ފާހަގަކުރުމާއި އިމާރާތްތަކަށް ގުޅާފައިވާ ފެން މީޓަރުން ފެން ބޭނުންކުރާ ގޮތް ދެނެގަތުން ކަމަށް އެކުންފުނިން ބުނެއެވެ.

މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަސް ވަންދެން މިސާވޭ ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ކުންފުނީގެ މުވައްޒަފުން ގޭގެއަށް ގޮސް މިކަމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިޔުއެސްސީން ގޭގެއަށް ގޮސް ސާވޭއެއް ފަށަން އުޅޭކަން އެކުންފުނިން ހާމަކޮށްފައި މިވަނީ އެކިއެކި ޚިދުމަތްތައް ދޭ ކުންފުނިތަކުގެ ނަމުގައި ގޭގެއަށް ގޮސް ވައްކަން ކުރާ ބަޔަކު އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.