ދިވެހި އަސްކަރިއްޔާއަށް އަމާޒުކޮށް ފަތުރަމުންގެންދާ ހަަޤީގަތާއި ހިލާފު ދޮގު ޚަބަރުތަކުގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ ބަދަހި ސަފުތަކަށް އެއްވެސްކަހަލަ ލޮޅުމެއް އަރުވައި ނުލެވޭނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނެފިއެވެ.
އެ މުއައްސަސާއިން މިހެން ބުނެފައިވަނީ މުލިއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ބޮމެއް ބޭއްވީ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ސިފައިންކަމަށް ބުނެ އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެމްއެންޑީއެފްގެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިި ސިފައިންނަކީ، މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި، ރައްޔިތުންނާއި ގާނޫނީ ސަރުކާރު ހިމާޔަތްކުރުމުގައި ފަސްޖެހުމެއްނެތި ދެމިތިބި ބަދަހި ލަޝްކަރެއް ކަމަށެވެ.
އެހެންކަމަށްވީއިރު ސޯޝަލް މީޑިއާގައި ދިވެހި އަސްކަރިއްޔާއާއި ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު ދޮގު ހަބަރުތަކަކީ ރައްޔިތުންގެ މެދުގައި ސިފައިންނާމެދު ނަފުރަތުކަން އުފެއްދުމަށް ކުރަމުންގެންދާ ދަށު ދަރަޖައިގެ އަމަލެއްކަމުގައި އެ މުއައްސަސާއިން ދެކޭކަމަށް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ދިވެހި އަސްކަރިއްޔާއަށް އަމާޒުކޮށް ފަތުރަމުންގެންދާ ހަަގީގަތާއި ހިލާފު ދޮގު ހަބަރުތަކުގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ ބަދަހި ސަފުތަކަށް އެއްވެސްކަހަލަ ލޮޅުމެއް އަރުވައި ނުލެވޭނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ. އަދި ދިވެހި އަސްކަރިއްޔާއަށް އަމާޒުކޮށް ހަގީގަތާ ހިލާފު ދޮގު ހަބަރު ފަތުރާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅުއަޅަމުން ގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ.
މިރޭ މީޑިއާ މެދުވެރިކޮށް އާންމުކުރި މައުލޫމާތުތަކެއްގައި އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު ވަނީ މުލިއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ބޮމެއް ބޭއްވީ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ބުނެފައެވެ. އަދި އޭނާ ވަނީ އެދުވަހު މުލިއާގެ ކައިރިން ފެނުނު އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިޑީ) ނައްތާލުމުގައި ހަރަކާތްތެރިވި ސިފައިންގެ އޮފިސަރެއް ކަމަށް ބުނާ މީހެއްގެ އޯޑިއޯވެސް އާންމުކޮށްފައެވެ.
އަދި މިއީ ސިފައިންގެ ތެރެއިން ލިބުނު މައުލޫމާތުތަކެއްކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ މިއީ ސަރުކާރުގެ ތެރޭގައި ހިންގާ ހިޔާނާތުގެ މައްސަލަތަކުގެ އަމާޒް ގެއްލުވާލުމަށް ކުރާކަމެއްކަމަށް ތުހުމަތުކުރައްވާފައެވެ.