ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފި އެވެ.

ރ. އުނގޫފާރު، ބަހާރުގެ، އަބްދުﷲ އަރީފް (46އ) ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި އޮންނަ އަޑުއެހުމަކަށެވެ.

އޭނާ ކޯޓަށް ހާޒިރުކުރަނީ އެކައުންޓްގައި ފައިސާނެތި ޗެކް ދޫކޮށް އެ ޗެކްގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ މައްސަލައެއްގަ އެވެ.

ފުލުހުން ބުނީ މި މީހާ ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވީ ނަމަވެސް ފުލުހުން ކުރި މަސައްކަތުން މިހާތަނަށް މި މީހާ ހޯދިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.