(3 މާރޗް 2016 އާ ގުޅޭ)
"އަމިއްލައަށް ބޮޑިނުބޮއެ ފަރަކު ނުޖެހުނުތަ؟ ބަލަ ތަހުސީނުގެ ނުހުންނާނެ ދަރިއަކު... ތީ އެ އަންހެންމީހާގެ ދަރިއެއް. ނުބަލަންވެގެން ބޮލާލާ ޖެހީ ދޯ..." ޒާހިރާގެ ކުލަވަރު ދައްކާލުމާއެކު ޒޫރިންއަށް ފަސްޖެހެވޭގޮތްވިއެވެ.
ޒޫރިންގެ ކޮނޑުގައި ވަށާލި ތަހުސީނުގެ އަތާއެކު އޭނާގެ ގާތަށް ޒޫރިން ޖައްސާލިއެވެ. ހަމައެހިނދު ރޭޝްމާ އައިސް ތަހުސީނުގެ ގާތުގައި ހުއްޓިލަމުން ޒޫރިންގެ އަތުގައި ހިފަހައްޓާލިއެވެ. ހީވީ ދަރިފުޅުގެ ދިފާއުގައި ރޭޝްމާ އާއި ތަހުސީނު ހުއްޓިލައިގެން ތިބިހެންނެވެ. އޭރު ވެސް އަބްދުއްސައްތާރު ކޮޅަށް ތެދުވި ގޮތަށް އޭނާ ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުއްޓެވެ. ޒާހިރާގެ ވާހަކަ އަޑުއިވިފައި އޭނާ ވެސް ޒޫރިންއަށް ބަލާލީ ވަރަށް ފަރުވާތެރިކަމާއެކުއެވެ. އެހެންނަމަވެސް އެ މޫނުމަތިން ޒާހިރާގެ ފަރާތުން ފެނުނު ފަދަ ނުރުހުމުގެ އެއްވެސް އަސަރެއް ފާޅެއްނުވިއެވެ.
"މިހާރު ކައިވެނި ހަފުލާ ނިމުނީއެއްނު. ދެން އަހަރުމެން މިތަނުގައި ތިބުމުގެ ބޭނުމެއްނެތް... އަހަރުމެން އައީ ކޮންމެހެން އެ އަންހެންމީހާ ތަހުސީނަށް ވިހެއި ދަރި ބަލާކަށްނޫން" އެނދުގައި އިށީނދެގެން އިން ޒާހިރާ ތެދުވިއެވެ. ހަމަ އެވަގުތު އަބްދުއްސައްތާރުގެ އަޑު ތަންކޮޅެއް ބާރަށް އިވިގެން ދިޔައެވެ.
"ޒާހިރާ! މިތާކު އެއްވެސް މީހަކު ނުބުނެއޭ ތަހުސީނުގެ ދަރިއަކު ހުރިކަން ޒާހިރާ ޤަބޫލުކުރަންޖެހޭނެއެކޭ. ޒާހިރާގެ ޚިޔާލެއް އެކަމުގައި ތަހުސީނު ހޯދިތަ؟ ބަލަ އެއީ އޭނާގެ ދަރިއެކޭ... ފުރަތަމަ ދުވަހު ވެސް އޭނާ އަހަރުމެން ގާތުގައި އެ ވާހަކަ ނުބުނޭތަ؟ ތަހުސީނު! ބައްޕައަށް މާފުކުރޭ... މީ ތަހުސީނުގެ ދަރިފުޅުކަމަށްވަންޏާ ބައްޕަ ބުނަން އޮތީ އެ ދަރިފުޅާ މެދު ހެޔޮކޮށް ހިތައްޗޭ. ބައްޕައަށް ކުރިން ނުވިސްނުނީ... އެދުވަހު ދަރިފުޅުގެ ކައިވެންޏަށް އެއްބާރުލުން ދެވުނުނަމައޭ މިހާރު ހިތަށްއަރާ... އެކަމަކު ނަމައަކުން ވާނޭ ކަމެއް ނޯންނާނެތާ... ރޭޝްމާއާ ދެ ކުދިން ރަނގަޅަށް ގުޅިގެން ތި ކައިވެނީގެ މަތީ ދެމި ތިބެވޭތޯ މަސައްކަތްކުރާތި. ބައްޕަގެ ހިތުގައި ތި ކުދިންގެ މައްޗަށް އެއްވެސް ބުރަކަމެއްނެތް. ރޭޝްމާ ވެސް އަދި ތަހުސީނުގެ މި ދަރިފުޅު ވެސް ވާނެ ބައްޕަމެންގެއަށް ގެންނަން.... ތަހުސީނުގެ ދަރިއަކީ މި ބައްޕައަށް ކާފަ ކިޔާނޭ ކުއްޖަކަށް ޔަޤީނުން ވެސް ވާނީ..." އަބްދުއްސައްތާރު އައިސް އޯގާތެރި ހިނިތުންވުމެއް ޒޫރިންއާ ބަދަލުކޮށްލަމުން ޒޫރިންގެ ބޮލުގައި ފިރުމާލިއެވެ. އަދި ތަހުސީނުގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
އެތައް ޒަމާނަކަށްފަހު ތަހުސީނުގެ މޭގައި ހުއްޓިފައި ހުރި ހިތަށް ތާޒާ ލޭ ލިބި ހިނގަންފެށި ކަހަލައެވެ. ސިކުނޑީގެ ހައިޖާނުގައި ފުސްވެފައިވާ މަންޒިލު ސާފުވެ ހަޔާތުގެ ހަރީފުކަން ފިލާ ޖަންނަތުގެ މީރުކަން އިހުސާސްކުރެވިގެން ދިޔައެވެ. މައިންބަފައިންނަށް ޓަކައި ހިތުގައި އޮތް ލޯތްބާއި ޤަދަރު އިތުރުވިއެވެ. އަވަސްއަވަހަށް ލޯބިވާ ބައްޕައަށް ތަހުސީނުގެ ހިތުގެ އަޑިން ޝުކުރުވެރިވިއެވެ. އޭނާގެ ގާތަށް މީޒާ އައިސް ހުއްޓިލީ ރޭޝްމާގެ ކުރިމަތީއެވެ.
"ނަސީބުވެރިއަކީ ތަހުސީނު... ރޭޝްމާ ކަހަލަ އަނތްބަކު ތަހުސީނަށް ލިބުނީމާ، މިހާ ދުވަހު ދަރިފުޅު ބަލާދިން އަންހެނަކު ތަހުސީނު ދުލެއް ނުކުރާނެ އިނގޭ..." ހިނިތުންވެލައިގެން ހުރެ މީޒާ ބުނެލިއެވެ. އެވަގުތު މީޒާގެ ވާހަކައާ އެއްބަސްވެލީ ތަހުސީނުގެ ބުރަކަށީގައި މަޑުމަޑުން ޖަހާލި ޠާރީގެވެ. އޭރު ވެސް ޒާހިރާ ހުރީ މޫނު ހަދައިގެން ހަޝަމް ބަދެލައިގެންނެވެ.
"މީ ޠާރިގުބެ، މީޒާއާންޓީ އިނގޭ މީ... އެނގޭ ދެން މިހެން ކިޔާ ދިނަސް ކޮންބައެއްކަން މިހާރު އެނގިފަކަން އޮންނާނީ" މީޒާ ބުނެލިއެވެ.
އުފާވާން ޖެހިލުންވެލައިގެން ހުރި ޒޫރިންގެ ތުންފަތުގައިވާ ހިނިތުންވުމަކީ ގަދަކަމުން އެ ތުންފަތަށް ވެރިކުރުވައިގެން ހުރި ހިނިތުންވުމެކެވެ. ބައްޕައަކު ލިބުމާއި ޢާއިލާގެ އެހެން މެންބަރުން ޒޫރިން ބަލައިގަތުމުން ލިބުނު އުފުލަށްވުރެ ތިމާގެ ހާލުގެ ވާހަކަ އެމީހުންނަށް އިވުމުން ދެން ވާނޭ ގޮތަކާއި މެދު ޒޫރިން ހުރީ މާ ބޮޑަށް ފިކުރުބޮޑުވެ ކަންބޮޑުވެފައެވެ. ހިތްބިރުގެންފައެވެ. މިހާރު އެމީހުންގެ މޫނުމަތިން އެ ފެންނަ ހިތްހެޔޮކަމާއި އޯގާތެރިކަން ވަގުތުން ފިލައިގެން ދާނޭކަން ޒޫރިންގެ ޟަމީރު ވެސް ހަނދާންކޮށްދެމުން ދިޔައެވެ.
"ތިހާވަރުން ކަލޭމެން އޭނާއާ ހެދި ތިއުޅެނީ މޮޔަވެގެންތަ؟ ޅަދަރިއަކު އަތަށް ލައިގެން އުޅޭ އިރު އޭނާގެ ފިރިމީހާ ކޮބާތޯ ސުވާލުކޮށްބަލަ؟ އޭނާގެ މަންމަ ގޮތަށް ރަށްމެދަށް ނޫންކަމެއް ވެސް ނޭނގޭ ވިހެއި..."
"ހުއްޓާލާ މަންމާ... އަހަރެންގެ ދަރިފުޅު ކޮންމެ ގޮތަކަށް އުޅުނަސް އެކަމާ ބެހޭނީ އަހަރެން... މަންމައެއްނޫން. މީހުންނަށް ތިވަރަށް ނަފުރަތު ކުރާކަށްނުވާނެ. މަންމަ ވެސް ހެއްދެވި ކަލާނގެ އޭނާ ވެސް ހެއްދެވީ... ތިހާ ނަފުރަތުކުރަނިކޮށެއްނޫންތަ އެކަލާނގެ މިހުރިހާ ކަމެއް މިގޮތަށްވާން މިންވަރުކުރެއްވީ ވެސް..." ތަހުސީނު ނުރުހިފައި ނިކަން ބާރަށް ހަޅޭލަވައިގަތެވެ.
ޒޫރިންގެ ހާލު ތަހުސީނާއި ރޭޝްމާއަށް ވިސްނުނީ ކަހަލައެވެ. ތަހުސީނު ސުވާލުކުރުމެއްނެތި ޒޫރިން ކޮޓަރިއަށް ފޮނުވާލީ ރޭޝްމާ އެކަމަށް އެދުނީމައެވެ. ޒާހިރާގެ ފަރާތުން ފެންނަމުން ދިޔަ ނުރުހުމާއެކު އަބްދުއްސައްތާރު ނިންމީ އެނބުރި ގެއަށް ދާށެވެ. އެމީހުންނާއެކު ޠާރިގު ވެސް ގެއަށް ދިއުމަށް ނިންމިއެވެ. އެހެންވެ ޢާއިލާގެ އެންމެންނާއެކު ތަހުސީނާއި ރޭޝްމާ ދޮރޯށި ދޮށަށް ނުކުތީ ވެސް އަބްދުއްސައްތާރުގެ ފަރާތުން ފެނުނު ހިތްހެޔޮކަމާއި އިޙުތިރާމާއި އޯގާތެރިކަމުގެ ސަބަބުންނެވެ.
ރޭޝްމާއަށްވުރެ ވެސް ކުރިން ތަހުސީނު އަވަސްވެގަތީ ޒޫރިންގެ ހާލު ބެލުމަށެވެ. ޒާހިރާގެ ބަސްތަކުން ޒޫރިންގެ ހިތަށް ތަދުވާނޭކަން ތަހުސީނަށް ޔަޤީންވަނީއެވެ. ޒޫރިންގެ ކޮޓަރީގެ ދޮރު ކައިރިކޮށްލާފައި ހުރުމުން ޓަކިޖަހާލާފައި އިރުކޮޅަކު ތަހުސީނު މަޑުކޮށްލިއެވެ. ޒޫރިންގެ ފަރާތުން ޚަބަރެއް ނުވުމުން މަޑުމަޑުން ދޮރުހުޅުވާލިއެވެ. ޒޫރިންގެ އެނދުގައި ކުޑަދަރިފުޅު ނިދިފައި އޮތެވެ. ފާޚާނާގައި ޒޫރިން އުޅޭތީ އޭނާ ނުކުންނަންދެން ތަހުސީނު އެނދުގައި އިށީނދެލައިގެން އިނެވެ. މިހެން އިންއިރު އޭނާއަށް ހަމަ ބެލެނީ ނިދިފައި އޮތް ކުއްޖާއަށެވެ. އެ މޫނުން އޭނާ ހޯދަމުން ދިޔައީ އެ ދަރިފުޅުގެ ބައްޕައެވެ. ޒޫރިންއާ ވައްތަރުކަމަށް ރޭޝްމާ ބުނަނީ އޭނާގެ ހިތްހިމަޖައްސާލުމަށްކަން ތަހުސީނަށް ހީވާތީއެވެ.
އީތަންގެ ޚިޔާލުގައި ތަހުސީނު އިންދާ ފާޚާނާގެ ދޮރުހުޅުވާލި އަޑާއެކު ތަހުސީނު އެ ދިމާއަށް ބަލާލިއެވެ. އޭރު ޒޫރިން ފާޚާނާއިން ނުކުންނަނީއެވެ. އެ ކޮޓަރިއަށް ރޭޝްމާ ވެސް އޭރު އަތުވެއްޖެއެވެ. ޒޫރިން ފެނުމުން ތަހުސީނު ކޮޅަށް ތެދުވިއެވެ.
"މާމަ އެހެން ބުނީމަ ވަރަށް ދެރަވި ދޯ" ތަހުސީނު ލޯބިން އަހާލިއެވެ. އެހެންނަމަވެސް އިސްޖަހާލި ޒޫރިން އެއްވެސް ޖަވާބެއް ނުދިނެވެ.
"އެކި މީހުންގެ ޚިޔާލު ތަފާތުވާނެކަން އަހަރުމެން ވިސްނަންވާނެ. މަންމައަށް އެނގޭ މިހާރު ރީންއަށް ހުރިހާ ކަމެއް އެނގޭނެކަން. ކައިވެނިން ބޭރުގައި ދަރިން ލިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ޢަމަލެއްނޫން. ފާފައަށް ތަޢުބާވި ނަމަވެސް މީހުން ދެކޭ ގޮތް ބަދަލެއް ނުވާނެ... ރީން ޖެހޭނެ ވަރަށް ކެތްތެރިވާން. ނަފްސުގެ އިމާންތެރިކަން ވަރުގަދަވީ ވަރަކުން ތިމާގެ އަޤީދާ ވަރުގަދަވާނެ... ދަރިފުޅުގެ ޢާއިލާ މިހާރު ދަރިފުޅަށް ތި ފެންނަނީ... މަންމަމެން އަބަދު ވެސް ދަރިފުޅަށް އެހީވާނަން. ދަރިފުޅު ދެކެ ލޯބިވާނަން... ދުވަހަކު ވެސް އިރާދަކުރެއްވިއްޔާ އެކަނިވާކަށް ނުޖެހޭނެ" ޒޫރިންގެ ކަނާއަތް ފަރާތުގައި ތަހުސީނު އިށީދެގެން އިންއިރު އޭނާގެ ވައަތް ފަރާތުގައި ރޭޝްމާ އިނދެ އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ.
"މީހުންގެ ވިސްނުން ބަދަލެއް ނުކުރެވޭނެކަން އެނގޭ... އެކަމަކު... މަންމާ... ޝަމްޢާން ތުއްތުކުއްޖެއްގެ ގޮތުގައި އަބަދަކު ނުހުންނާނެ. އޭނަ ބޮޑުވަމުން އަންނައިރު މީހުން އެ ދަރިފުޅާ ދިމާއަށް އެއްޗެހި ކިޔާނެ. އަޅުގަނޑާ ދިމާއަށް ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަށް އެކަމަށް ކެތްކޮށްލައިގެން ހުރެދާނަން. އެކަމަކު އެ ދަރިފުޅާ ދިމާއަށް މީހަކު އެ ފަދަ އެއްޗެއް ބުނާ އަޑު އެހުމަކީ ކެތްކުރެވޭނޭވަރު ކަމަކަށް ނުވާނެ... އެ ދަރިފުޅުގެ ކުށަކީ ކޮބާ؟... އެ ދަރިފުޅުގެ ސުވާލުތަކަށް ދޭނީ ކޮން ޖަވާބެއް؟..." ޚިޔާލުތަކުގެ ވަރުބަލިކަމާއެކު ޒޫރިން ރޭޝްމާގެ ކޮނޑުގައި ބޯއަޅާލިއެވެ. އެހިނދު އޭނާގެ އަތްތިލައިގައި ތަހުސީނު ހިފައި ފިރުމާލިއެވެ.
"ދަރިއަކު ގެންގުޅޭނެ ގޮތުގެ ތަޖުރިބާ ބައްޕައަށް ލިބިފައެއްނުވޭ. އެކަމަކު ބައްޕައެއްނެތްކަމުގެ ކުޑަ ވެސް އިހުސާސެއް ޝަމްޢާނަށް ވިޔަކަ ބައްޕަ ނުދޭނަން. އެ ކުއްޖާގެ ބައްޕައަކީ ވެސް ކާފައަކީ ވެސް ދަރިފުޅުގެ މި ބައްޕަ. ދުވަސްކޮޅަކު ސުވާލުކޮށްފާނެ... އެކަމަކު ޝަމްޢާނަށް ވިސްނެންފެށީމާ އެ ކުއްޖާއަށް ޤަބޫލުކުރެވޭނެ ރީންގެ މުޖުބޫރީ ހާލަތު.... ދެރަނުވޭ ރީން... ﷲ ދަރިފުޅަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ. އުންމީދު ދޫކޮށްނުލާތި... ނޭނގި ހުއްޓާ އިންސާނާގެ ހާލަތު ބަދަލުކޮށްލުމަކީ އެކަލާނގެއަށް ދާދި ފަސޭހަކަމެއް. އުންމީދު ވެސް ނުކުރާ އުފާވެރިކަމަކުން ދަރިފުޅުގެ ފަސްބައިގައި ތިވާ ލައްގަނޑު ފޮރުވާލަދީފާނެ... މި ހިތުގެ އަބަދުމެ ދުޢާއަކީ އެއީ... މި ހުރިހާ ހިތާމަތަކެއް ހަނދާންނެތޭވަރަށް ދަރިފުޅުގެ ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ހިޔާއެޅިގެން ދިއުން"
ތަހުސިނާއި ރޭޝްމާގެ ވާހަކަތަކުން ޒޫރިންއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާގެ ޚިޔާލާތުން ބޭރަށް އީތަންގެ ސޫރައެއް ނުދިޔައެވެ. ތަހުސީނާއި ރޭޝްމާ އެ ކޮޓަރިން ނުކުމެގެން ދިއުމުން އެނދުގައި އޮތް ދަރިފުޅުގެ ގާތުގައި އަރިއަކަށް ހަށިގަނޑު ދަމާލައިގެން ކުރު އަތްމައްޗަށް ޒޫރިން އޮށޯތެވެ. އަދި ނިދިފައި އޮތް ދަރިފުޅުގެ ކުޑަކުޑަ އަތްތިލައި ހިފާލައިގެން އޮވެ އެ މޫނަށް ބަލަމުން ޒޫރިން ދިޔައެވެ. އެ ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު އޭނާ އީތަންގެ މަތިން ހަނދާންވެއެވެ. ކިތަންމެ ފަހަރަކު އެ ދަރިފުޅުގެ ފޮޓޯއެއް ނަގައި ފޯނުން ވައިބަރ މެދުވެރިކޮށް އީތަންއަށް ފޮނުވާލަން ޒޫރިންގެ ހިތަށް އަރައެވެ. ދަރިފުޅު ފެނުމުން ވެސް ފަހަރެއްގައި އީތަންގެ ޚިޔާލަށް ބަދަލުތަކެއް އަތުވެދާނޭ ޒޫރިން ހިތަށް އަރާތީއެވެ. އަދި ޒޫރިންގެ ހާލު ދުށުމަށް އޭނާ އައިސްދާނެޔޭ ހިތް ބުނާތީއެވެ. އެހެންނަމަވެސް އެވަރުގެ ހިތްވަރެއް ޒޫރިންއަކަށް ނުލިބުނެވެ. ދެ ލޯ މަރާ ބާރުކޮށްލާފައި ބޭރުކޮށްލާ ފުންނޭވާއިން އޭނާގެ އިހުސާސްތައް ހިފަހައްޓަމުން ދިޔައެވެ. އީތަންއަށް ޒޫރިންގެ ލޯތްބަކީ ކަނޑުގައި އަޅާލި ރޮނގެއްކަން ޚުދު ޒޫރިންއަށް އެނގޭއިރު ވެސް އިންތިޒާރު ކުރެވެނީ ކޮންކަމަކަށްކަން ޒޫރިންއަކަށް ނޭނގެއެވެ.
ޚިޔާލުތަކުގެ ދާވަނިން ސޮހެމުން ދިޔަ ޒޫރިންގެ ލޮލުން ކަރުނަ ނިރާލިއެވެ. އީތަން އާއި ޖަޒްލާގެ ޚިޔާލުތައް ތޫނު ކަނޑީގެ މިއަހެން ޒޫރިންގެ ހިތް ފޮތިފޮތި ކުރަމުން ދިޔައެވެ. ލޮލަށް ނުފެންނަ ޒަހަމްތަކަކުން ލޭ އޮހެރެމުން ދިޔައެވެ. އެ ލޭކޯރުގައި ގެބިގެން ނުދިޔުމަށް ލީ ކޮންމެ ހިތްވަރެއްވީ ބޭކާރެވެ. ވިސްނުން ނުގެންދަންވީ ހިސާބަށް ސިކުނޑި އަތްގަދަ ކުރަމުން ދިޔައިރު ހަޤީޤަތެއްނެތް މަންޒަރުތައް ލޯ ކުރިމަތީ ސިފަވާންފެށީއެވެ. ބޭއިޚްތިޔާރުގައި ތެދުވެގެން އައިސް ލޯގަނޑު ކުރިމަތީ ޒޫރިންއަށް ހުއްޓިލެވުނެވެ. ކަރުނުން ފުރިފައިވާ ބޮޑު ދެ ލޮލުން ބޮލުން ފެށިގެން ފައިގެ ނިވާ ބޮޑިއާއި ހަމައަށް ލޯގަނޑުން ބަލައިލިއެވެ. ޚުދު ޒޫރިންނަށް ވެސް އެ ލޯގަނޑުން ފެންނަ ސޫރަ ދެނެގަންނާކަށް ނޭނގުނެވެ. އީތަންގެ ލޯބީގެ ގުލްޝަނުގައި ފަރިވެލި ނަލަނަލަ ތާޒާ ޒޫރިންގެ ސިފަ ގެއްލިއްޖެއެވެ. ކަރުނުން ފުރި ބަންޑުންވަމުން ދިޔަ ނަމަވެސް އެ ދެ ލޯ ބަދަލެއްނުވެއެވެ. އެއީ ހަމަ އެ ދެ ލޮލެވެ. މާޒީގެ ފުސްކަމުގެ ތެރެއިން އެތައް މަންޒަރުތަކެއް ޒޫރިންއަށް ފެންނަމުންދިޔައެވެ. އީތަން ވަސްގަންނާނޭހެން ހީވާ ހަށިގަނޑުގެ ކޮންމެ ދިމާއަކަށް އޭނާއަށް އެންމެ ކަމުދާ ސެންޓުން ހުވަނދުލިއެވެ. ތާޒާކަމާއި ހިތްދަމައިގަންނަ ލާނެތް ހުނުންތަކުގެ އަޑު ޒޫރިންގެ ކަންފަތުގައި ގުގުމާލިއެވެ. ކުއްލިއަކަށް ލޯގަނޑުގައި ވައަތްތިލަ ޖައްސާލުމާއެކު އަމިއްލަ މޫނު އެ ދެ ލޮލަށް ފޮރުވާލިއެވެ. ގިސްލެވުމުގެ އަޑާއެކު މަޑުމަޑުން ޒޫރިންއަށް ތިރިވެވިއްޖެއެވެ. ހަށިގަނޑުގެ ބުރަ ކަނާތުގެ މައްޗަށް ދޫކޮށްލުމާއެކު އަނެއްއަތުން މޭގައި އަޅައި އޮބައިގަތެވެ.
"ތި އަތުން މި ހަށިގަނޑު ފިޔަވައި އެހެން ހަށިގަނޑެއްގައި އަތްލަނީތަ؟" ކުރިމަތީގައި މީހަކު ހުރި ފަދައިން ޒޫރިން ސުވާލުކުރިއެވެ. ގިސްލުމުގެ ތެރެއިން ބޭރުވެގެން ދިޔަ އެ އަޑުގައިވާ ވޭނީ އަސަރުން ހިތްތައް ފޫއަޅުވައިލާހާ ވެއެވެ.
* * * *
ކައިވެންޏަކީ ލޯބީގެ ބިންގަލެވެ. ޢިޝްޤުގެ ޢިމާރާތް ބިނާކުރުމުގެ އަޞްލެވެ. ވަގުތު ހޭދަވަމުން ދިޔަ ވަރަކަށް އެ ޢިމާރާޓް އުސްވަމުން ފުޅާވަމުން ދެއެވެ. އުފާވެރިކަމާއި ޞުލްޙަވެރިކަމާއެކު ތަހުސީނާއި ރޭޝްމާގެ ކައިވެންޏަށް ފުރިހަމަ އެއްމަސްފުރިއްޖެއެވެ. އެ ދެމެދުގައި އޮތް ލޯބީގެ ގުލްޝަން އާރޯވެ ގަދައަށް ހެދެމުންދެއެވެ. ދުނިޔޭގެ އެންމެ އުފާވެރި ފިރިހެނާކަމުގައި ރޭޝްމާ، ތަހުސީނު ހަދައިދީފިކަން ޚުދު ތަހުސީނު އަމިއްލައަށް ޤަބޫލުކުރެއެވެ. މިއަދު އޭނާއަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. މިހާރު ރޭޝްމާއަކީ ހުރިހާ އަންހެނުންގެ ތެރެއިން ވެސް ހޮވާލެވޭނޭ އަންހެނެކެވެ. ރީތި އޯގާތެރި އުޅުންހުރި ދީންވެރި އަންހެނެކެވެ. ނަމަވެސް މިހުރިހާ ކަމަކަށް ތަހުސީނު ނުހަނު އުފާވެފައި ހުއްޓެއްކަމަކު ހިތުގެ ހަމަޖެހުން ގެއްލޭ އެއްކަންތައް އަދިވެސް އެބައޮތެވެ. އޭނާގެ ދަރިފުޅު ޒޫރިންގެ ހާލާ މެދުއެވެ. ޝަރުޢީ އިދާރާއަކުން އެއްވެސް އެންގުމެއް މިހާތަނަށް ލިބިފައި ނުވާތީ ތަހުސީނު ނިންމީ ޒޫރިން ގޮވައިގެން އޭނާ ބޭނުންވާ ގޮތަށް ރާއްޖޭން ބޭރަށް ފުރުމުގެ ކަންކަން ހަމަޖެއްސުމަށެވެ. ރޭޝްމާގެ ފިކުރު ވެސް ހުރީ ތަހުސީނާ އެއްގޮތަކަށެވެ. ފުރުމަށް ޓަކައި ދުވަހެއް ކަނޑައަޅައި ވާންހުރި ހުރިހާ ތައްޔާރީއެއްވެ ނިންމިއެވެ. އަމިއްލަ ފަސްގަނޑު ދޫކޮށްލާފައި ޒޫރިން ދާން ބޭނުންވަނީ އީތަންއާ ދުވަހަކު ވެސް ބައްދަލުވާން ނޭދޭތީއެވެ. އެހެންމީހެއްގެ ހައްޤެއްގެ ގޮތުގައި އީތަން ހުއްޓާ ފެނުމަކީ ޒޫރިންގެ ނަފްސު ފުނޑުފުނޑުވެގެން ދާނޭވަރު ކަމެކެވެ. އެހެންވެއްޖެނަމަ ދުވަހަކު ވެސް އެހިތުގައި ލީ ފާރުގަނޑު ފަސޭހައެއްނުވާނެއެވެ.
މެންދުރު ކައިގެން ނުކުމެ ސޯފާގައި ޓީވީއިން ދައްކަމުން ދިޔަ ދޭއްގެ ޚަބަރު ބަލަން ތަހުސީނު އިނެވެ. ބޭރު ދޮރޯށީގައި ހަރުކޮށްފައި ހުރި ރަނގަބީލު އަޅަން ފެށި އަޑުއިވުނީ އެހެން އިންދައެވެ. އޭނާގެ ގާތުގައި އިން ރޭޝްމާ ތެދުވެގެން ދޮރޯށި ހުޅުވުމަށް ދިޔައީ ކާކު އައީބާއޭ ކިޔައި ތަހުސީނާ ސުވާލުކުރަމުންނެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އިން ތަހުސީނުގެ ނަޒަރު ޓީވީއާ ވަކިކޮށްލީ ދޮރޯށި ދޮށަށް ދިޔަ ރޭޝްމާ ނައިސް މާގިނައިރު ވާތީއެވެ.
"ރޭޝް... ކާކުތަ އައީ؟" ސިޓިންރޫމު ދޮރުމަތީ ރޭޝްމާ ފެންނަން ނެތުމުން ތަހުސީނު ގޮވާލިއެވެ. އެއާއެކު ދެން ފެނުނީ މަޑުމަޑުން އައިސް ރޭޝްމާ ސިޓިންރޫމަށް ވަންތަނެވެ. އާދަޔާ ޚިލާފު ހިމޭންކަމެއް އޭނާއަށް ވެރިވެފައި ހުއްޓެވެ. އަތުގައި އޮތް ކަރުދާސްކޮޅަށް ބަލާލާފައި ތަހުސީނަށް ބަލަމުންދިޔައެވެ. ރޭޝްމާ އައިސް ތަހުސީނުގެ ގާތުގައި އިށީނދެ އަތުގައި އޮތް ކަރުދާސްކޮޅު ތަހުސީނަށް ދިއްކޮށްލިއެވެ.
"ކޯޓަށް ދާން..." އަތުގައި އޮތް ކަރުދާސްކޮޅު ހިތާހިތުން ކިޔާލުމަށްފަހު ތަހުސީނަށް ބުނެލެވުނެވެ. އަދި ހިމޭންވެފައި އިން ރޭޝްމާއާ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.
"ރޭޝް... ކަންބޮޑުނުވޭ. މިހެން މިކަން ވާނޭކަން އަހަރުމެންނަށް އެނގެއެއްނު. އަނެއްކާ މިކަން ނިމުނީމާ ރީންއަށް އެއްކޮށް މިނިވަންވެވޭނީ... އޭރުން އެންމެ ފުރިހަމަ ގޮތުގައި ތަޢުބާވެވުނީ"
"މި ޗިޓު ދެން ނާންނާނޭކަމަށް ހީކުރީ. ތަހުސީނު! އަހަރެން ވަރަށް ބިރުގަނޭ. ރީންއަށް ވަރަށް ތަދުވާނެ... އެތައް ބައިވެރި މީހުންނެއް ތިބޭނެ... އެ ހުރިހާ ކަމަކަށް ކެތެއްނުކުރެވޭނެ. އެ ދަރިފުޅު މޮޔަވެދާނެ..."
"މައްސަލައެއް ނުބަލައެއް ނޯންނާނެއެއްނު. އަހަރުމެން ފުރުމުގެ ކުރިން ޗިޓު އައިކަން އެއީ ނަސީބެއް. އޭރުން ރީންގެ ހުރިހާ ރިހުމަކާއި ވޭނެއް މި ފަސްގަނޑަށް ދޫކޮށްލާފައި އައު ދިރިއުޅުމަކައިގެން ބަދަލުވެވޭނެ. ނޫންތަ؟ ....އަސްލު ރޭޝް ހީކުރާވަރަށްވުރެ އަހަރުމެންގެ ރީން މާ ހިތްވަރު ގަދަ ވާނެ. އެކަމަކު އަހަރުމެން އެ ހިތްވަރު އޭނާއަށް ދޭން އެބަޖެހޭ. އެއްގޮތަކަށް ވެސް ރޭޝް ފިނޑިވެގެން ނުވާނެ. އެ ވަގުތަކީ ދުނިޔޭގެ ހުރިހާ އެންމެންގެ ކުރިމަތީގައި ދަރިފުޅަށް ސާބިތުކަން ދޭންވާނޭ ވަގުތު. އެއީ ވަރަށް ބޮޑު އިމްތިހާނެއް... މިއަދާ ހަމައަށް ވެސް ރޭޝް އެންމެ ހިނދުކޮޅަކަށް ވެސް ރީން އެކަނި ދޫކޮށެއް ނުލަމެއްނު..." ހާސްވެ ކަންބޮޑުވެފައި އިން ރޭޝްމާއަށް މަޑުމައިތިރިކަމާއި ލޯތްބާއިއެކު ތަހުސީނު ވިސްނައިދިނެވެ.
ޒިނޭގެ މައްސަލައިގައި ޒޫރިން ކޯޓަށް ދާންޖެހޭކަން އެނގުނު ވަގުތު އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. އެހެންވިޔަސް އެއީ އޭނާއަށް ދެކޮޅު ހެދޭނޭވަރު ކަމެއްނޫނެވެ. ކުރިން ވެސް ރޭޝްމާ އޮތީ ޒޫރިންއަށް ހަނދާންކޮށްދީފައެވެ. ޒީނޭގެ ކުށް އަންހެނާގެ މައްޗަށް ސާބިތުވާނޭކަމާއި އޭގެ އަދަބުގެ ގޮތުގައި ހައްދުޖަހާނޭކަން ރޭޝްމާ ބުނެދިނެވެ. ކިތަންމެ ވަރަކަށް ނަފްސު އެކަމަށް ތައްޔާރު ކުރި ނަމަވެސް ޒޫރިންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުޖަހާލިއެވެ. އެހިނދު ދުލުން ބަސްކިޔުމުގެ ކުޅަދާނަކަން ގެއްލިގެން ދިޔަ ކަހަލައެވެ. ދުނިޔޭގެ ހުރިހާ ކަމަކުން އޭނާ އެއްކިބާވެފައި ވާ ކަހަލައެވެ. ކުޑަދިރުފުޅުގެ ރުއިމުގެ އަޑު ވެސް އެވަގުތު ޒޫރިންއަށް ނުއިވުނެވެ.
"ރީން... ދަރިފުޅާ... ރީން..." ރޮމުންދިޔަ ޝަމްޢާނު ނަގާ އުރާލައިގެން އެކުއްޖާ މަސަލަސްކުރަމުން ޒޫރިންއަށް ރޭޝްމާ ގޮވާލީ އިންތިހާއަށް ކަންބޮޑުވެފައި ހުރެއެވެ. (ނުނިމޭ)