މުއާސަލާތީ ހިދުމަތްދޭ ބައިނަލްއަގްވާމީ ކުންފުނި އުރީދޫ ގްރޫޕަށް މިދިޔަ އަހަރު އެންމެ ގިނައިން އާމްދަނީ ލިބުނު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި 117 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުންގެންދާ އުރީދޫ ގުރޫޕްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އެކުންފުންޏަށް މިދިޔަ އަހަރު 23 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ 2014 ވަނަ އަހަރު އެކުންފުންޏަށް ލިބުނު އަދަދަށް ވުރެ ނުވަ ޕަސެންޓް އިތުރު އަދަދެކެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހިދުމަތް ދެމުންގެންދާ އުރީދޫ ގުރޫޕަށް މިދިޔަ އަހަރު އެންމެ ގިނަ އާމްދަނީ ހޯދައިދިން ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އަލްޖީރިއާ، ކުވެއިތު، ގަތަރު، އޮމާން އަދި މިޔަންމާ ހިމެނެ އެވެ.

އުރީދޫ ގުރޫޕަށް ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެން އެކުންފުނީގެ ޗެއާމަން ޝައިހް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ތާނީ ވިދާޅުވީ މިއީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ އަހަރު 9.5 މިލިއަން ކަސްޓަމަރުން އެކުންފުންޏަށް އިތުރަށް ލިބިފައިވާ ކަމަށެވެ.

އުރީދޫ ގުރޫޕަށް މިދިޔަ އަހަރު އެންމެ ގިނަ އާމްދަނީ ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު އުރީދޫ މޯލްޑިވްސް އިން ގެންދަނީ ރާއްޖެއަށް އާ ހިދުމަތްތައް ތައާރަފްކޮށް ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކުރަމުންނެވެ.