ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް ހިންގާ އިމާރާތަށް ވަދެ ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރުކޮށް ވަގަށް ނެގި ބައެއް ތަކެތި ހޯދައިފި އެވެ.
މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އިއްޔެ މެންދުރު ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު އެ އިމާރާތުން ވަގަށް ނަގާފައިވާ ކެމެރާ އެ ގޭގައި ވަޅުލާފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުން ވަގަށް ނެގި ކޭޝް ކާޑެއް ބޭނުންކޮށްގެން ނަގާފައިވާ ފައިސާއަށް ގަނެފައިވާ ކަމަށް ބެލެވޭ ފޯނެއް އޭނާގެ އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅައި ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މި މައްސަލަ ތަހުގީގު ކުރަނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުންނެވެ.