ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް އައްޔަންކުރަން އިއްޔެ ރުހުންދިން ސ. މީދޫ، ކަރަންކާވިލާ، އަހްމަދު އަމީން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިއަދު އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން،ސ.ފޭދޫ ކަރަންކާވިލާ އަޙްމަދު އަމީން އައްޔަންކޮށްފައިވާކަމަށެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އަޙްމަދު އަމީނަށް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެންއައިސީގެ މެންބަރު ކަމަށް އަމީން އައްޔަންކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އޭނާއަށް ރުހުން ދޭން ފާސްވީ ވޯޓުގައި ބައިވެެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
އެންއައިސީގައި ފަސް މެންބަރުން ތިބެންވާނެ ކަމަށް އެކޮމިޝަންގެ ގާނޫނުގައި ބުނެފައިވީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ހުށަހެޅުއްވީ ހަތަރު ބޭފުޅުންގެ ނަމެވެ.
އެންއައިސީގެ ގާނޫނަށް މިދިޔަ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމާއި ގުޅިގެން ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އާއި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަން (ސީއައިސީ) ވަނީ އުވިގެން ގޮސްފައެވެ.
އަދި އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ނަމުގައި އެންއައިސީ އުފައްދަވާފައެެވެ.
އެންއައިސީގެ ގާނޫނަކީ ދިވެހިރާއްޖޭގައި ހިންގަމުންދާ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެއްމެހާ އުސޫލުތައް ކަނޑައަޅައި އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާ ބެހޭ ކަންކަން ތަންޒީމު ކުރުމަށްޓަކައި ކޮމިޝަނެއް އުފައްދާ މި ގާނޫނުގެ ދަށުން އެ ކޮމިޝަންގެ ބާރު ތަކާއި މަސްއޫލިއްޔަތުތަކާއި ކޮމިޝަންގެ މެމްބަރުންގެ ސުލޫކީ ހަމަތަކާއި ކޮމިޝަން ހިނގާނެ ގޮތުގެ އުސޫލުތަކާއި ކޮމިޝަނުގެ ވާޖިބުތައް އަދާކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނު ކަަމަށް މި ގާނޫނުގައިވެއެވެ.
އެހެންކަމުން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލާނީ ކުރިން ޕީއައިސީ އިން ބަލަމުން ދިޔަ ފުލުހުންގެ މައްސަލަތަކާއި ސީއައިސީ އިން ކުރިން ބަލަމުން ދިޔަ ކަސްޓަމްސްގެ މައްސަލަތަކާއި އިމިގްރޭޝަން ޑިޕާޓްމަންޓުގެ މައްސަލަތަކާއި އަދި ކަރެކްޝަނަލް ސާވިސްއާ ގުޅޭ މައްސަލަތަކެވެ.