ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެން ސިފައިނަށް ހާއްސަކޮށްގެން މިއަދު ހެނދުނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

އަންހެން ސިފައިން ބާރުވެރި ކުރުވުމަށް އެމްއެންޑީއެފްގެ ލީޑަރޝިޕްގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.

މިއަދު ހެނދުނު ހެންވޭރު އާޓިފިޝަލް ބީޗް ސަރަޙައްދުގެ ބީޗް ވޮލީ ކޯޓުގައި ފެށި މި ޕްރޮގްރާމްގައި ތަފާތު ކުޅިވަރުގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ. އަދި މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ ޤާނޫނު" އަށް އަންހެން ސިފައިން އަހުލުވެރިކުރުވުމަށް ހާއްސަ ކުއިޒް މުބާރާތެއް ބޭއްވުމާއި، އަންހެނުން ބާރުވެރިކުރުވާ ޒިންމާ އުފުލުމުގެ ރޫހު އަށަގެންނެވުން އިތުރުުކުރުމަށް ހާއްސަ ކްލާސްތަކެއްގެ ބޭއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިންގެ އަންހެނުންގެ ކޮމެޓީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ޕްރްގްރާމްތައް އަމާޒުކޮށްފައިވަނީ އަންހެން ސިފައިނަށެވެ. މިޕްރޮގްރާމް ތަކުގައި ގިނަ އަދަދެއްގެ އަންހެން ސިފައިން ވަނީ ބައިވެރިވެފައެވެ.