މިދިޔަ މަހުގެ 21ވީ އާދީއްތަ ދުވަހު ފަތިހު ގއ.ކޫއްޑޫ ފަރު ބޭރަށް ލަނޑާ ނަގަން ވެގެން ޑައިވިންގ އަށް ދިޔަ ހދ.ކުޅުދުއްފުށީ ބޮޑުދުނބުރިގޭ ޢަބްދުއްރަޝީދު ޢަލީ (އުމުރު 32 އަހަރު) ގެއްލުމާ ގުޅިގެން އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްއެންޑީއެފްއިން ބުނީ، އަބްދުއް ރަޝީދު ހޯދުމަށް ފާއިތުވި ދުވަސްތަކުގައި ކުރިއަށްގެންދެވުނު އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ނޫރައްދީން" އާ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ޢާޒީ" އާ ކުރަންގި ހެލިކޮޕްޓަރާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮސްޓްގާޑް ސްކޮޑްރަންގެ ހާރބަރ ކްރާފްޓް އަދި އެމްއެންޑީއެފްގެ ޑައިވަރުން ވަނީ ކަނޑުގެ މަގުންނާއި ވައިގެ މަގުން، މީހާ ގެެއްލުނު ސަރަހައްދުގެ 100 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ކަަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މި މީހާ ފެނިފައެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ނަމަވެސް އޭނާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް މިހާރު ހުއްޓާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ޢަބްދުއްރަޝީދު ޢަލީ ގެންލުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޑައިވިންގ ސޫޓަކާއި (ނޫ ކުލައިގެ ބީސީޑީ) ކަޅު ފިންސް އަދި ފިޔާތޮށި ކުލައިގެ މާސްކެއް ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައި ވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.