ނ. މާފަރު އެއާޕޯޓާއި ގދ. މާވަރުލު އެއާޕޯޓް ހެދުމަށް ޝައުގުވެރިކަން ފާޅުކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅި ފަރާތްތަކުގެ ތެރެއިން ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ހުށަހަޅަން ބައެއް ކުންފުނިތަކަށް ފުރުސަތު ދީފި އެވެ.

މާފަރު އެއާޕޯޓާއި މާވަރުލު އެއާޕޯޓް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އީއޯއައި ހުށަހަޅަން ފުރުސަތު ދިނުމުން މާފަރު އެއާޕޯޓަށް އީއޯއައި ހުށަހަޅާފައިވަނީ އަށް ފަރާތަކުންނެވެ. އަދި މާވަރުލު އެއާޕޯޓް ހަދަން ނުވަ ފަރާތަކުން ޝައުގުވެރިވެ އީއޯއައި ހުށަހަޅާފައިވެ އެވެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނަރަލް ސާމީ އަގީލް ވިދާޅުވީ މި ދެ އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރެއިން މާފަރު އެއާޕޯޓް ހެދުމަށް އާރްއެފްޕީ ހުށަހެޅުމަަށް ހަ ފަރާތަކަށް އަދި މާވަރުލު އެއާޕޯޓް ހެދުމަށް އާރްއެފްޕީ ހުށަހެޅުމަށް ހަތް ފަރާތަކަށް ފުރުސަތު ދޭން ނިންމާ އެކަން ކުންފުނިތަކަށް އަންގާފައިވާ ކަަމަށެވެ.