ދިވެހިރާއްޖޭގެ ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް ތަހައްމަލުކޮށްފައިވާ މީހެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވުސް (އެޗްއާރްސީއެމް)އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިހެން ބުނީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.

ކުރެވިފައިވާ ދިރާސާތަކާއި ހަވާލާދީ އެޗްއާރްސީއެމް އިން ބުނީ އަންހެނުންނަށް ލިބޭ އަނިޔާ ހާއްސަކޮށް ގެވެށި އަނިޔާގެ އަސަރު ކުރަނީ ހަމައެކަނި އަނިޔާ ލިބޭ މީހާއަށް އެކަނި ނޫން ކަމަށެވެ. މި އަނިޔާގެ ވޭނާއި ބިރުވެރިކަން ކުޑަކުދިންނާއި، އާއިލާއަށާއި މުޅި މުޖުތަމައު ތަހައްމަލު ކުރަންޖެހޭ ކަމަށާ ވޭތުވެދިޔަ އަހަރު މިފަދަ އަނިޔާތަކުގެ ޝިކާރައަކަށްވެ މައުސޫމް ތުއްތު ކުދިންނާ އަންހެނުންގެ ފުރާނަ މި ދުނިޔެއާއި އަލްވަދާއު ކިޔާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަނެ މުޖުތަމައުން މިފަދަ އަމަލުތައް ފުހެލުމަށްޓަކައި އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އަޅާ މަސައްކަތް ހަލުވި ކުރަންޖެހެ އެވެ. އަދި މީގެ އިތުރުން އަންހެނުންނަށް ދިމާވާ މިފަދަ އަނިޔާތަކުގެ ހާދިސާތައް މީޑިއާއިން ގެނެސްދޭ އިރު، އަނިޔާ ލިބޭ ފަރާތަށް ދޭންވާ އިހްތިރާމު އެންމެ އެދެވޭ ގޮތުގައި ނުދޭކަން ހިތާމައާއެކު ފާހަގަކުރަމެވެ. މުޖުތަމައުގައި އަންހެނުންނާ މެދު ދެކެވޭ ނޭދެވޭ ގޮތްތައް މީޑިއާއިން ހަބަރުތައް ގެނެސްދޭގޮތުގެ ސަބަބުން އިތުރަށް އަންހެނުންނަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރެއެވެ. އެހެންކަމުން މީޑިއާއިން މިފަދަ ހަބަރުތައް ގެނެސްދޭ އިރުގައި ޒިންމާދާރުކަމާއިއެކު އަންހެނުންނާއި އަނިޔާ ލިބޭ ފަރާތްތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް ނޫސްވެރިކަންކުރުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފަައިވަނީ މިއަދުގެ ހާލަތު ރަނގަޅު ކުރުމަށްޓައި ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގާ، އަންހެނުންނަށް ދިމާވާ ތަފާތުކުރުންތައް ނައްތާލުމަށް ދީނީ އިލްމުވެރިން ޝާމިލްވާ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މި ބަޔާނުގައިވަނީ އަންހެނުންނަށް ކުރާ އަނިޔާ ރިޕޯޓް ކުރުމަށް ހިތްވަރުދީ އަދި އަނިޔާ ލިބިފައިވާ އަންހެނުންނާ މެދު މުޖުތަމައު ހޭލުންތެރިކުރުވާ، އަނިޔާ ލިބޭ މީހުންނަށް ސިއްހީ އަދި ނަފްސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމްތައް ހަމަޖައްސާ، ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކަށާއި އަމާން ހިޔާތައް ގާއިމްކުރުމަށް އެކަށިގެންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ގޮވާލަމެވެ.

އެޗްއާރްސީއެމް އިން ބުނީ މިއަދު ކުރިމަތިވެފައިވާ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަންހެނުންނަށް ލިބިފައިވާ ގާބިލްކަމާ، ތައުލީމާ، ހުނަރާ އަދި ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ މަގު ފަހިކޮށްދިނުމަކީ ކުރިއަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. ކަންކަން ނިންމާ ފެންވަރުގައި ރައްޔިތުންގެ މަޖިލީހުގައާއި، ސަރުކާރުގެ މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަގުތީ ފިޔަވަޅެއްގެ ގޮތުގައި ކޯޓާއެއް ކަނޑައަޅަންޖެހޭ ކަމަަށާއި އަދި ސިޔާސަތުތައް އެކަށައަޅައި މި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު މޮނިޓާ ކޮށް ހާލަތު ދެނެގަތުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމް އިން ބުނީ ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު އަންހެނުނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ގައުމު ހިންގުމުގެ ކަންކަމުގައި އަންހެނުން އިސްނަގާ މިންވަރު އެދެވޭ ވަރަށްވުރެ އަދިވެސް ދަށް ކަމަށާއި ސިޔާސީ މައިދާނަށް ބަލާއިރު އަންހެނުންގެ ދައުރު ކުޑަކަން ވެސް ފާހަގަކުރެވޭ ކަމަށެވެ. ރައްޔިތުން މަޖިލިހާއި ކައުންސިލްތަކުގައި ޖުމްލަކޮށް ހަރަކާތްތެރިވަނީ އެންމެ ހަ އިންސައްތަ އަންހެނުން ކަމަށާ މިފަދަ ދާއިރާއަކަށް ނުކުންނަ އަންހެނުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ގައުމު ހިންގުމުގައި ބައިވެރިވުމަށް ލިބޭ މިފަދަ މުހިއްމު ފުރުސަތުތަކުގައި އަންހެނުންގެ އަޑު ފަނޑުވުމަކީ ހިތާމަހުރި ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

"އަމިއްލަ ދިރިއުޅުމަށް ބަލާއިރު ޒަމާނުއްސުރެން ގަބޫލުކުރެވޭ ގޮތުގައި ގޭތެރޭގެ މަސައްކަތްތަކަކީ ހަމައެކަނި އަންހެނުން ކުރަންޖެހޭ ކަންކަމެވެ. އަދި ދަރިން ބެލެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ކަމަށް ދެކި ވަޒީފާއަށް ދިއުމަށް އޮންނަ ފުރުސަތު ހަނިވެގެންދެ އެވެ. އަންހެނުންގެ ނަފްސު ކުރިއެރުވުމަށާއި، ދައުރު ފުޅާކުރުމަށް ބޭނުންވާ މިފަދަ ޒަރޫރީ ފުރުސަތުތަކުން އެކަނބަލުން އެކަހެރިވެގެން ދާހާ ހިނދަކު އަންހެނުން މުޖުތަމައުގައި ނިކަމެތިވެ އެކަހެރިވުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ،" އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ އަންހެނުންނާއި ފިރިހެނުން ހަމަހަމަވުމުގެ މަފްހޫމަކީ ޖިންސީ ގޮތުންނާއި ތަބީއީގޮތުން އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހުރި ތަފާތުތައް ނޫންކަމާއި، މިއީ އަންހެނުންނަށް ލިބިދޭ ހައްގުތަކާއި، ޒިންމާތަކާއި، ފުރުސަތުތަކާއި، ގާބިލުކަން ކުރިއެރުވުމަށް މުހިއްމު ކަމެއްކަމަށް ގަބޫލުކުރަންޖެހޭ ކަމަށެެވެ. ގައުމެއް ނުވަތަ ދައުލަތެއްގެ ކުރިއެރުމަށްޓަކައި، އަންހެނުންގެ އަޑުއެހުމާއި އަންހެނުންނަށް ދިމާވާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ތަރައްގީއާ ހަމައަށް ވާސިލްވުމަށް އެޅޭ ފިޔަވަޅެއްކަން ގަބޫލުކުރަންޖެހޭ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ދިއުމަކީ އެ ގައުމެއްގެ ހުރިހާ ފަރުދުންނަށް ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް ބަޔާނުގައިވަނީ ބުނެފަ އެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "2030 ވަނަ އަހަރަށް 50-50 ދުނިޔެއެއް: ޖިންސުގެ ހަމަހަމަކަން ގެނައުން އަވަސްކުރަމާ" އެވެ.