މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި އިންޑިއާ އަސްކަރިއްޔާއާއި ދެމެދުގައި ބޭއްވި ފުރަތަމަ ޑިފެންސް ސްޓާފް ޓޯކްސް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެމްއެންޑީއެފް ކޯސްޓްގާޑު ބިލްޑިންގގެ ކޮންފަރެންސް ހޯލްގައި ކުރިއަށްގެންދިޔަ މި ސްޓާފް ޓޯކްސްއަކީ ޑިފެންސް ކޯޕަރޭޝަންގެ ތެރޭގައި ހުރި ކަންކަމާއި އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އިންޑިއާ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގައި އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެމްއެންޑީއެފް މެރިންކޯގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް ޢަލީ ޒުހައިރާއި ކޯސްޓްގާޑު ކޮމާންޑާ ކާނަލް މުޙައްމަދު އިބްރާހީމް އާއި ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓާ ކާނަލް ޢަބްދުލް މަތީން އަޙްމަދާއި، މެޑިކަލް ސާރވިސްގެ ކޮމާންޑިންގ އޮފިސާ ލެފްޓިނަންޓް ކާނަލް ޑޮކްޓަރު ޢަލީ ޝާހިދު މުހައްމަދާއި، ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނަންޓް ކާނަލް މުޙައްމަދު ސަލީމެވެ. އަދި މި މަޝްވަރާ ބައްދަލުވުންތަކުގައި އިންޑިއާއިން ބައިވެރިވެވަޑައިގެންނެވީ، އޭވިއޭޝަން ސްޕެޝަލިސްޓް ކޮމާންޑާ ރެވަންތް ކުމާރާއި، ކޮމާންޑާ ނިތިން ދޭވް އާއި، ފޮރިން ކޯޕަރޭޝަން މެމްބާ އޮފް ޑެލިގޭޝަން، ޑިފެންސް އެޑްވައިޒާ ކެޕްޓަން އާރް އެސް ސުނިލްގެ އިތުރުން، އިންޑިއާ ހައިކޮމިޝަންގެ ދެ ބޭފުޅުންނެވެ.

މި ޑިފެންސް ސްޓާފް ޓޯކްސްގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދެވެ. އަދި އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އިންޑިއަން ނޭވީ ކޮމޮޑޯ ޖަތިންދަރު ސިންގްއެވެ.