ސަރުކާރުން މިއަދު އެންމެބޮޑު އިސްކަމެއް ދެމުންގެންދާ އެއްކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގެ މެސެޖުގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އަންހެނުންނަކީ ވަރަށް ކުރިއްސުރެ ތަފާތު އެތައް ޚިދުމަތްތަކެއް ދިވެހި ޤައުމަށާއި މުޖުތަމަޢަށް ކުރަމުން އައިސްފައިވާ ބައެއްކަމަށާ މިއަދު އަންހެނުންގެ މަސައްކަތްތައް މިވަނީ އެތައް ރޮނގަކުން އިތުރުވެ، ފުޅާވެފައިކަމަށެވެ.

އެހެންކަމުން، ޤައުމު ބިނާކޮށް ބައްޓަންކުރުމުގައި ރާއްޖޭގެ އަންހެނުން އަދާކުރަމުންގެންދާ ދައުރު، މިފަދަ މުނާސަބަތެއްގައި ފާހަގަކުރަންޖެހެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން ގެންދާއިރު، އެކަމުގައި އަންހެން ކަނބަލުންގެ ޙިއްޞާ ނުހަނު ބޮޑުކަމަށާ އަދި ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު އެކި މަސައްކަތްތައް ކުރައްވަމުން ގެންދަވާ އަންހެން ކަނބަލުން ތިއްބެވިކަން އެއީ، މިއަދު ޚާއްޞަ ގޮތެއްގައި ހަނދާންކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވެ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި އަންހެން ކަނބަލުން އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކޮށް، އެހުރިހާ ކަނބަލުންނަށް ރައީސް ވަނީ ޝުކުރު ދަންނަވާފައިވެއެވެ.

ސަރުކާރުން މިއަދު އެންމެބޮޑު އިސްކަމެއް ދެމުންގެންދާ އެއްކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހަށް ކަނޑައެޅިފައިވާ ޝިޢާރުންވެސް މިކަމަށް ބައިނަލްއަޤްވާމީ ގޮތުން ދޭ ސަމާލުކަން ރަމްޒުކޮށްދޭކަމަށް ރައީސް ވިދާޅުވިއެވެ.

2030އާ ހަމައަށް ޖެންޑަރ އިކުއެލިޓީ ކަށަވަރު ކުރުމާއި، އަންހެނުންނާއި، އަންހެން ކުދިން ބާރުވެރިކުރުވުމުގެ ލަނޑުދަނޑި ކާމިޔާބު ކުރުމަށް، މި ޝިޢާރުން ބާރުއަޅާއިރު، މިރޮނގުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން، އަރުވަމުން ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް އެޅިފައި ހުރި ހުރަސްތައް ނައްތައިލުމަށްޓަކައި ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކުގައި، ކަމާބެހޭ އިދާރާތަކުންނާއި، ޢާންމު ފަރުދުންވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހަމައެހެންމެ، އަންހެނުން ވަޒީފާ އަދާކުރުމުގައި ހުރި ހުރަސްތައް ނައްތައިލުމަށާއި، މަސައްކަތުގެ މާޙައުލުންނާއި، މުޖުތަމަޢުގެ ތެރެއިން އަންހެނުންނަށް ކުރާ އަނިޔާއާއި، ގެވެށި އަނިޔާއާއި ގޯނާއަށް ފުރްޞަތު ނުދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެންމެހައި ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް އެމަނިކްފާނު ވަނީ ގޮވައިލައްވާފައެވެ.