ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން 50 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 771 މިލިއަން ރުފިޔާގެ ލޯނެއް ދިވެހި ސަރުކާރަށް ދިނުމަށް ނިންމާ ލޯން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އީއައިބީ އިން ނަގާ ލޯނަކީ މޯލްޑިވްސް ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ހިމެނޭ މަސައްކަތްތައް ކުރުމަށް ނަގާ ލޯނެއް ކަމަށެވެ. މި މަޝްރޫއަށް މީގެ ކުރިން ވެސް ލޯން ނަގާފައިވެ އެވެ. އެގޮތުން އޭޝިއަން ޑިވޮލޮޕްމަންޓް ބެންކް (އޭޑީބީ) އާއި އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އިތުރުން ޗައިނާ ސަރުކާރުން ވެސް ވަނީ ލޯނު ދީފަ އެވެ.

އީއައިބީ އިން ދިން ލޯނަކީ ތިން އަހަރުގެ ގްރޭސްޕީރިއަޑަކާއި އެކު 18 އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ނެގުމަށް ހަމަޖެހިފައިވާ ލޯނެކެވެ. މި ލޯންގެ އިންޓަރެސްޓް ރޭޓަކީ 3.31 އިންސައްތަ އެވެ.

ސްޓެލްކޯގައި މިއަދު ރަސްމިއްޔާތެއްގައި މި ލޯން އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ. އީއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ އިންވެސްޓްމަންޓް އޮފިސަރު ޑރ. ޓާއޯ ރެން އެވެ.

މި ލޯނުގެ ބޮޑު ބައެއް ހަރަދުކުރަނީ މި ޕްރޮޖެކްޓްގެ ދަށުން ސްޓެލްކޯއާއި ފެނަކައިން ކުރިއަށް ގެންދާ މަސައްކަތްތަކަށެވެ. އެހެންކަމުން މި ލޯންގެ އެއްބަސްވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވެސް ސޮއިކުރެއްވި އެވެ.