އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމުގެ އުންމީދުގައި ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މާދަމާގެ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ، މާދަމާގެ މެޗަށް ނިކުންނައިރު ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް ވަނީ އަނިޔާވެފައި ކަމަށެވެ. އެހެން ކަމުން އެކުޅުންތެރިން ނެތްތަން ޓީމަށް ދެއްކި ނަމަވެސް މާބޮޑު އަސަރެއް ނުކުރާނެ ކަމަށް ސުޒޭން ބުންޏެވެ.

"އަމިއްލަ ދަނޑުގައި މާދަމާގެ މެޗަށް ނުކުންނައިރު މިހާރުގެ ހާލަތަށް ބަލާއިރު ޕްރެޝަރު އޮތް ނަމަވެސް މިއީ މޮޅުވުން މަޖުބޫރު މެޗެއް. ޓީމުގެ ގިނަ ކުޅުންތެރިން ތިބީ އަނިޔާގައި. އިދިކޮޅަށް ނިކުންނަ ޓީމަކީ ބަލި ޓީމެއް ނޫން.މި މެޗަށް ނުކުންނައިރު މެޗުގެ ފިޓްނަސް އަށް ބަލާއިރު އެޑްވާންޓޭޖް ބޮޑީ ވެސް ޔަންގޮން އަށް." ސުޒޭން ބުންޏެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުން މާޒިޔާ ވަނީ ރަށުންބޭރުގައި އިންޑިއާގެ މޯހަން ބާގަން އަތުން 5-2 ލަނޑުން ބަލިވެފަ އެވެ. އަދި ޔަންގޮން ވަނީ ފުރަތަމަ މެޗުން 2-1 އިން ސައުތު ޗައިނާ ބަލިކޮށްފަ އެވެ.

މިމުބާރާތުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ނުކުޅެ އެވެ. އެއީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި ކަމަށް ބުނެ، އޭނާ ބަންދުގައި ހުރުމުންނެވެ.

ސުޒޭން ބުނީ މި މެޗުގައި އަޑުބަރޭ ކުޅޭނެކަމަށް ދޭނީ އެއް ޕަސެންޓް ކަމަށާއި އެއީ އަޑުބަރޭ ޖަލުގައި 15 ދުވަސް އޮތުމުން ގިނަ ޕްރެކްޓިސްތަކެއް ގެއްލިފައިވާތީ ކަމަށެވެ.

މާދަމާގެ މެޗުގައި އަނިޔާގެ ސަބަބުން މާޒިޔާގެ މުހައްމަދު އުމެއިރާއި އަސަދުﷲ އަބްދުﷲ ނުކުޅޭނެ އެވެ. މާޒިޔާ އާއި ޔަންގޮން ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގަ އެވެ.