ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޒަމާނީ ފެންވަރުގެ ވީޑިއޯ ކޮންފަރެންސިންގެ ނިޒާމް ގާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކޮށްފައިވަނީ އައިޑީ ޑިވިޝަން އޮފް އޯޑިއޯ ވިޝުއަލްސް ޕްރައިވެޓް ލިމިޓެޑަށެވެެ.
މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާއިލް އެވެ. އައިޑީ ޑިވިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ސޮފްވާން އަހްމަދެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ވޯލްޑް ބޭންކްގެ އެންހޭންސިން އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީއީޑީޕީ)ގެ ދަށުން 10 އަތޮޅެއްގައި ވީޑިއޯ ކޮންފަރެންސިންގެ ނިޒާމް ގާއިމްކުރުމަށާއި އަދި މީގެ ކުރިން 10 އަތޮޅެއްގައި ގާއިމްކޮށްފައިވާ ވީޑިއޯ ކޮންފަރެންސިންގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އައިޑީ ޑިވިޝަންގެ ފަރާތުން ކުރާނެ ކަމަށެވެ.
މި މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އައިޑީ ޑިވިޝަނަށް ހަވާލުކޮށްފައިވަނީ 2,777,010.93 ރުފިޔާ އަށެވެ.
މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ނުވަ އަތޮޅެއްގެ ސްކޫލްތަކުގަ އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)ގައި މި ނިޒާމް ގާއިމްކުރެވިގެން ދާނެ ކަމަށެވެ.
މި ނިޒާމް ގާއިމްކުރެވޭ ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅު ތައުލީމީ މަރުކަޒާއި، ރ. އަތޮޅު ތައުލީމީ މަރުކަޒާއި، ކ. އަތޮޅު ތައުލީމީ މަރުކަޒާއި، އއ. އަތޮޅު ތައުލީމީ މަރުކަޒާއި، ވ. އަތޮޅު ތައުލީމީ މަރުކަޒާއި، ފ. އަތޮޅު ތައުލީމީ މަރުކަޒާއި، ވިލުފުށީ ސްކޫލް އަދި ތިނަދޫ އަބޫބަކުރު ސްކޫލްގެ އިތުރުން ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާހް އެވެ.
މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސިންގެ ނިޒާމް ގާއިމްކުރެވިފައިވާ ސްކޫލްތަކަކީ ހދ. . އަތޮޅު ތައުލީމީ މަރުކަޒާއި، ށ. އަތޮޅު ތައުލީމީ މަރުކަޒާއި، ނ. އަތޮޅު ތައުލީމީ މަރުކަޒާއި، ބ. އަތޮޅު ތައުލީމީ މަރުކަޒާއި، އދ. އަތޮޅު ތައުލީމީ މަރުކަޒާއި، މ. އަތޮޅު ތައުލީމީ މަރުކަޒާއި، ދ. އަތޮޅު ތައުލީމީ މަރުކަޒާއި، ޏ. އަތޮޅު ތައުލީމީ މަރުކަޒާއި، ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލް، ލ އަތޮޅު ހަމަދު ބިން ހަލީފާ އާލް ތާނީ ސްކޫލް އަދި އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލެވެ.
މި ހިދުމަތުގެ ބޭނުން ހިފައި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ތަފާތު ވޯކްޝޮޕްތަކާއި، ކޮންފަރެންސްތައް އަދި ޓީޗަރުން ތަމްރީނުކުރުމުގެ ކްލާސްތައް އަތޮޅު ތެރޭގެ ސްކޫލްތަކާއި ގުޅާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، މި ހިދުމަތުގެ ސަބަބުން ތައުލީމީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގާ ތަފާތު ތަމްރީނުތަކަށް ކުރާ ހަރަދު އެތައް ގުނަ އެއް ކުޑަކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މިއީ ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި އަދި ދަރިވަރުންނަށް ސްކޫލްތަކުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި އެކު އެއް ނެޓް ވޯކަކުން ގުޅާލުމަށް ގާއިމްކުރާ ނިޒާމެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.