އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީޕީއެމްގެ އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމާއި މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.

މިބިލަށް މިއަދު ބަހުސް ކުރެއްވި އިދިކޮޅު މެންބަރުން ވިދާޅުވީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި މުއައްސަސާއެއް އުފައްދާއިރު އެ މުއައްސަސާ ވާންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ނުފޫޒު ނުފޯރާ އަދި މިނިވަންކަމާއި އެކު މަސައްކަތް ކުރެވޭ މުއައްސަސާއަކަށް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މި މުއައްސަސާއަށް މެންބަރުން އައްޔަންކުރައްވާ ގޮތަށް އޮތުމާއި އިސްލާމިކް މިނިސްޓަރުގެ ބާރު ހިނގާ ގޮތަށް މި މުއައްސަސާ އުފައްދަން ހުށަހަޅާފައިވާތީ އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މިބިލަށް ބަހުސް ކުރެއްވި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވީ މިފަދަ މުއައްސަސާއެއް ވުޖޫދަށް އައުން ލަސްވެއްޖެ ކަމަށާއި އެހެންކަމުން މި މުއައްސަސާ އުފެއްދުން އަވަސްކުރަންޖެހޭ ކަމަށްވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވި އެވެ.

މިބިލްގައިވާ ގޮތުން މިފަދަ މަޖިލީހެއް އުފެއްދުމުގެ ބޭނުމަކީ ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ގާއިމްކުރުމުގެ ގޮތުން، ދީނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހިޔާލު އުފެދޭ މައްސަލަތައް ގައުމީ ފެންވަރުގައި ހައްލުކުރުމަށާއި އަދި އިސްލާމީ ފިޤުހީ އާ މައްސަލަތައް ދިރާސާކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާ ހަރުދަނާ ކަމާއެކު ފޯރުކޮށްދިނުމަށް ކަމަށެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަސް މެންބަރުންގެ މައްޗަށެވެ. އަދި މި މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް އައްޔަންކުރުމުގެ ބާރާއި، މެންބަރު ކަމުން ބޭފުޅަކު ވަކިކުރަންޖެހޭ ހާލަތެއް އައިސްފިނަމަ އެ ބާރުވެސް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

މި މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުންނާއި، ޝަރުއީ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކާއި، އިސްލީމިކް މިނިސްޓަރުގެ ލަފާގެ މަތިން އައްޔަންކުރައްވާ ބޭފުޅަކާއި އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ލަފާގެ މަތިން އައްޔަންކުރެވޭ މެންބަރެއްގެ މައްޗަށެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް މެންބަރުން އައްޔަންކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ. އަދި މި މަޖިލީހުގައި ގިނަ ވެގެން މެންބަރު ކަން ކުރެވެނީ 10 އަހަރުގެ މުއްދަތަކަށެވެ. ބިލްގައިވާ ގޮތުން މި މަޖިލީހަށް އިސްލާމިކް މިނިސްޓަރު ބާރު ހިނގާނެ އެވެ. އަދި މަޖިލިސް ޖަވާބުދާރީވާންޖެހެނީ ވެސް އިސްލާމިކް މިނިސްޓަރަށެވެ.

މި ބިލްގައި ބުނެފައިވަނީ ދީނީ މައްސަލަތަކުގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ދޭ ފަތުވާތަކަށް ހަމަ އެމައްސަލާގައި އާންމު ފަރާތްތަކުން ދޭ ފަތުވާތައް ނުވަތަ ފާޅުކުރާ ހިޔާލުތަކާއި ބަޔާންތަކަށް ވުރެ އިސްކަންދޭން ވާނެ ކަަމަށެވެ.

ދީނީ ފަތުވާދޭ މަޖިލީހެއް އުފެއްދުމަށް ބިލެއް ހުށަހަޅާފައިވާއިރު ދީނީ މައްސަލަތަކުގައި ފަހު ބަސް ބުނުމަށް ފިގްހު އެކަޑަމީއެއް ވެސް އުފައްދާފައިވެ އެވެ. ނަމަވެސް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް އުފެދުމުން ފިގްހު އެކަޑަމީއާ މެދު އަމަލުކުރާނެ އެއްވެސް ގޮތެއް މިބިލް ގައި ކަނޑައަޅާފައެއް ނުވެ އެވެ.