ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހަށް މިއަދު މި މައްސަލަ ހުށަހަޅާފައި ވަނީ 22 މެންބަރުންގެ ސޮޔާއި އެކު އެވެެ.

މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި ބުނެފައިވަނީ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމަށްވީހިނދު މަޖިލީހުގެ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މަޖިލީހުގެ ގަވައިދުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ތަކުރާރުކޮށް އެ ގަވައިދާ ހިލާފުވެ މަޖިލީހުގެ ގަދަރާ ޝަރަފު ނަގާލައި މަޖިލީހުގެ ދައުރު އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ތަކުރާރުކޮށް އަމަލުކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި ބުނެފައިވަނީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ގާނޫނުތައް މަޖިލީހުން ހެދުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު ކުރަމުން ގެންދާ މަސައްކަތުގައި މަޖިލީހުން އެމަސައްކަތް ކޮށްދިނުމުގެ މޭސްތިރިއަކަށް މަޖިލީހުގެ ރައީސް ހުންނަވާ އެމަސައްކަތް ސަރުކާރަށް ކޮށްދީ ރައްޔިތުންގެ ހައްގުތައް ނަގާލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.