އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ރައީސްގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ކުރިމަތިލައްވައިފި އެވެ.

ވީނިއުސްއާ ވާހަކަ ދައްކަވަމުން ކާނަލް މިއަދު ވިދާޅުވީ، އިންތިހާބުގައި ވާދަކުރުމަށް މއިަދު ފޯމް ހުށަހަޅާފައިވާނެ ކަަމަށާއި ވޮލީގެ ރައީސް ކަމަށް ކުރިމަތި ލާން ނިންމީ ވޮލީއަށް ގިނަ ގުނަ ކާމިޔާބީތައް ހޯދާދިނުމުގެ އުންމީދުގައި ކަމަށެވެ.

"އިންތިހާބަށް މިހާރު ހުޅުވާލާފައިވާތީވެ ފޯމު ވެސް ހުށަހަޅާފިން. މި ކުޅިވަރަށް ހިދުމަތްކޮށް، ވޮލީ އަށް ރަނގަޅު ކުރިއެރުންތަކެއް ގެނައުން އަޅުގަނޑުގެ އުއްމީދަކީ. ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން މިކަމަށް ކުރިމަތިލީ. އަޅުގަނޑު ބޭނުން އަލޫގަނޑުގެ ރައީސް ކަމުގައި މިކުޅިވަރު އިތުރަށް ވަރުގަދަ ކޮށް ރަން ވަނަތަކެއް ހޯދަން،" ކާނަލް ބުންޏެވެ.

ކާނަލް ވަނީ އެބޭފުޅާގެ މަދުރަސީ ދައުރުގައި ސީއެޗްއެސްސީ އާއި މަޖީދިއްޔާގެ ވޮލީ ޓީމަށްވެސް ކުޅުއްވާފައެވެ. އަދި އެމްއެންޑީއެފްގެ ވޮލީ ޓީމަށް ވެސް ކާނަލް ވަނީ މީގެ ކުރިން ކުޅުއްވައިފައެވެ.

ކާނަލްގެ އިތުރުން ވޮލީ އެސޯސިއޭޝަނުގެ މިހާރުގެ ރައީސް މުހައްމަދު ރިޔާޒް ވެސް ވަނީ ވާދަކުރާނެ ކަމަށް ބުނެފަ އެވެ.

ވޮލީގެ އިންތިހާބުގައި ހޮވާ މަގާމުތަކަކީ ރައީސާއި ނައިބް ރައީސާއި ހަޒާންދާރާއި ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަނަށް ތިން މެމްބަރުންނާއި ރޫލްސް ކޮމިޝަނަށް ތިން މެމްބަރުން އަދި ބީޗް ވޮލީބޯލް ކޮމިޝަނަށް ހަ މެމްބަރުން ކަމަށެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބުކުރަން ފެށިފަހުން މިހާތަނަށް ބޭއްވި ދެ އިންތިހާބު ވެސް ކާމިޔާބުކުރައްވާފައިވަނީ މިހާރުގެ ރައީސް ރިޔާޒެވެ.