އީރާނުން ބެލިސްޓިކް މިސައިލްތަކެއް ޓެސްޓް ކޮށްފިއެވެ.
އީރާނުން ބެލިސްޓިކް މިސައިލް ޓެސްޓްތަކެއް މިކުރީ، އީރާނުގެ މިސައިލް ޕްރޮގްރާމާ ދެކޮޅަށް އެމެރިކާއިން މިއަހަރުގެ ޖެނުއަރީމަހު އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް ކުރިމަތި ކޮށްފައި ވަނިކޮށެވެ.
އީރާނުގެ ރަސްމީ ނޫސް އޭޖެންސީ، އިރްނާއިން ބުނެފައިވަނީ، އީރާނުން ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން ބެލިސްޓިކް މިސައިލް ޓެސްޓްތަކެއްކުރީ، އީރާނަށް ކުރިމަތުވެދާނެ ނުރައްކަލަކާ ކުރިމަތިލުމަށް ތައްޔާރީ ހާލަތުގައި އޮތްކަން ހާމަކޮށްދިނުމަށް ކަމަށެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ދާދިފަހުން ވެވުނު އެއްބަސްވުމުގެ ދަށުން، އީރާނުގެ މިސައިލް ޕްރޮގްރާމާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލުމާ އެކުއެކުހެން އެމެރިކާއިން ވަނީ މިދިޔަ ޖެނުއަރީމަހު އީރާނުގެ މިސައިލް ޕްރޮގްރާމާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
އެމެރިކާގެ ބިރުދެއްކުންތަކާއި، ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައި ވަނިކޮށް އެމެރިކާއަށް ގޮންޖަހައި އީރާނުން ކުރިއަށް ގެންދިޔަ ބެލިސްޓިކް މިސައިލް ޓެސްޓްތައް ކުރިއަށް ގެންދިޔައީ އީރާނުގެ ރިވޮލިއުޝަނަރީ ގާރޑާއި، އޭރޯސްޕޭސް ފޯރސަސް އިންނެވެ.
އީރާނުން ބެލިސްޓިކް މިސައިލް ޓެސްޓްތަކެއް ކުރިއަށް މިގެންދިޔައީ، އީރާނުގައި އާންމު އިންތިޚާބު ބޭއްވިތާ ދެހަފްތާވެސް ނުވަހީހެވެ. މިއިންތިޚާބުން ކުރި ހޯއްދަވާފައިވަނީ، އީރާނުގެ އިސްލާހީ ޚިޔާލުގެ ރައީސް ހަސަން ރޫހާނީގެ ކޭމްޕުންނެވެ.
އީރާނުގެ ސަލާމަތީ ކަންކަމާ ގުޅޭ އެންމެ މަތީ ފައުޖު ކަމުގައިވާ ރިވޮލިއުޝަނަރީ ގާރޑުން ކަންކަމުގައި ސީދާ ރިޕޯޓްކުރާ ފަރާތަކީ ރޫހީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީއެވެ. ރައީސް ހަސަން ރޫހާނީއެއް ނޫނެވެ.