އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުގެ އުދުވާނީ ފުލުހުން ބުނެފައިވަނީ، ފަލަސްތީނު އަންހެންމީހާގެ ގަޔަށް ބަޑިޖެހީ، ދިމިޝްގް ގޭޓް ކައިރީގައި ފޯރިއަށްތިބި އިސްރާއީލު ފުލުހުންގެ ގާތަށް ގޮސް، އަތްދަބަހުން ވަޅިއެއް ނަގައި ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރުމުން ކަމަށެވެ.
ދިމިޝްގް ގޭޓަކީ، ގުދުސްގެ މުސްކުޅި ސިޓީއަށް ވަންނަން ފަލަސްތީނު މީހުން އާންމުކޮށް ބޭނުންކުރާ ގޭޓެވެ.
ޚަބަރު ލިބޭގޮތުގައި އިސްރާއީލުން ބަޑިޖަހައި ޝަހީދުކޮށްލި ފަލަސްތީނު އަންހެން މީހާއަކީ އުމުރުން 50 އަހަރަށްދާ މީހެކެވެ. އޭނާއަކީ އިސްރާއީލުން ހިސާރުކޮށްގެން އުޅޭ ގުދުސްގެ އިރުމަތީ ފަޅީގައި ދިރިއުޅޭ އަންހެނެއް ކަމަށްވެސް ޚަބަރު ލިބެއެވެ.
ފަލަސްތީނު އަންހެނެއްގެ ގަޔަށް އިސްރާއީލު ފުލުހުން ބަޑިޖަހައި މިއަދު ޝަހީދުކޮށްލީ، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫއާއި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރެއްވުމަށް އެމެރިކާގެ ނާއިބް ރައީސް ޖޯ ބައިޑެން ފަލަސްތީނާއި އިސްރާއީލަށް މިއަދު ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނިކޮށް އޭގެ ގަޑިއިރުތަކެއް ކުރިންނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލުގެ އުދުވާނީ ބާރުތަކާ ދެމެދު މެދުނުކެނޑި ހިނގަމުންދާ ކުރިމަތިލުންތަކުގައި، އެކިއެކި ހުއްޖަތް ދައްކައިގެން އިސްރާއީލުން ވަނީ ފަލަސްތީނުގެ 182 މީހުންގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ، ވަޅި ނުވަތަ އެނޫންވެސް ތޫނު އެއްޗެއް "ހިފައިގެން ހުރިކަމަށް" ބުނެ ބަޑިޖަހައި ޝަހީދު ކޮށްލާފައިވާ ޒުވާނުންނެވެ.
ފަލަސްތީނުގެ ރަށްތަކަށް ރޭގަނޑު ދަންވަރާއި ރޯމާ ދުވާލު އަރައިގަނެ އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އިންސާނިއްޔަތާ ޚިލާފް އެތައް ޖަރީމާތަކެއް ހިންގަމުންދާއިރުވެސް، ފަލަސްތީނުގެ ޒުވާނުން ހުއްޓުވަން އިސްރާއީލުން ވަނީ ނުކުޅެދިފައެވެ.