ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާތީ 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، ކެމްޕޭން ލީޑަރުން ތަމްރީން ކުރުމަށް ބާއްވާ މަހާސިންތާގެ ތިންވަނަ ބުރުގައި 350 މަންދޫބުން ބައިވެރިވާނެ ކަމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ބުނެފި އެވެ.

ރައިސް ޔާމީންގެ ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެމްޕޭން އޮފީހުގެ ފަރާތުން މައުލޫމާތު ދެއްވަމުން ރައިސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ކެމްޕޭން ލީޑަރުން ތައްޔާރު ކުރުމަށް ކުރިން ބޭއްވި ދެބުރުވެސް ވަރަށް ކާމިޔާބުކަމާއެކީގައި ބާއްވާ ނިންމާލެވިފައިވާ ކަމަށެވެ. އަދި ތިންވަނަ ބުރު މިމަހުގެ 17، 18، 19 ވަނަ ދުވަހު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މި މަހާސިންތާގެ ތިންވަނަ ބުރު ހާއްސަކޮށްފައިވަނީ މާލެ ސަރަހައްދަށް ކަމަށާއި، އެގޮތުން، މާލެ، ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގެ ގޮފިތަކުގެ ޕީޕީއެމްގެ މަންދޫބުން ބައިވެރިވާނެ ކަމުގައިވެސް މުއާޒު ވިދާާޅުވި އެވެ.

މުއާޒް ވިދާޅުވީ މި މަހާސިންތާގެ އިފްތިތާހީ ޖަލްސާ މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށާއި، އިފްތިތާހީ ޖަލްސާއަށްފަހު ސެޝަންތައް ކުރިއަށްްދާއިރު، މަހާސިންތާގެ ބައިވެރިންނާއި ރައިސް އަބްދުﷲ ޔާމީން ބައްދަލުކުރައްވައި އިރުޝާދު ދެއްވާނެ ކަމަށެވެ.

މި މަހާސިންތާއަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާއިރު ރަޖިސްޓްރީ ވުމުގެ ކަންކަން ކުރިއަށްދާނީ ކެމްޕޭެން އޮފީހުގެ ތެރޭގައި ކަމަށް މުއާޒު ވިދާޅުވި އެވެ. އަދި އެހެން ފަހަރުތަކުގައި ލިބުނު ތަޖުރިބާތަކުގެ އަލީގައި ރަޖިސްޓްރީ ވުމަށްދާ ވަގުތުތަކަށް ފަސޭހަ ލުޔެއް މިފަހަރު އިންތިޒާމްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މުއާޒު އިތުރަށް ވިދާޅުވީ މި މަހާސިންތައަކީ މެޑަމް ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމާއެކު އެކަމަނާގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރިއަށް ގެންދާ މަހާސިންތާއެއް ކަމަށާއި، އެހެން ނަމަވެސް ރިޔާސީ ލޯންޗްގައި ހިނގާދިޔަ ހިތާމަވެރި ހާދިސައަށްފަހު މަހާސިންތާގެ ތިންވަނަ ބުރެއް ބޭއްވުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

ޕީޕީއެމުން ކެމްޕޭން ލީޑަރުން ތައްޔާރުކުރުމަށް މީގެ ކުރިން ދެބުރެއް ބާއްވާފައިވެ އެވެ. ފުރަތަމަ ބުރު ހާއްސަކޮށްފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށެވެ. އަދި ދެވަނަ ބުރު ހާއްސަކުރީ ފ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރަށްތަކަށެވެ.