އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަންގެ ފަރާތުން "ހެލްތީ ލައިފް ސްޓައިލް"ގެ ނަމުގައި ކަސްރަތު ޕްރޮގްރާމެއް ވިލާ ކޮލެޖުގައި ހިންގަން ނިންމައިފި އެވެ.

ވީޓީވީއިން ގެނެސްދޭ ފަސްމަންޒަރު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަންގެ ޑިރެކްޓަ ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވީ މި ޕްރޮގްރާމަކީ ހިތުގެ ބައްޔާއި، ހަކުރު ބަލި، އަދި ލޭ މައްޗަށް ދިއުން ފަދަ ކަންކަމުން ސަލާމަތްވުމަށް އެޅެން ހުރި ފިޔަވަޅުތަކާއި ބެހޭގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ހަށިގަނޑު ރަނގަޅު ބަރުދަނެއްގައި ބަހައްޓަން ކުރަންޖެހޭ ކަސްރަތުތައް މި ޕްރޮގްރާމްގައި ކުރިއަށް ދާނެ އެވެ.

ރަހީމާ ވިދާޅުވީ މިހާރަކަށް އައިސް އަވަސް ގޮތަކަށް ބަރުދަން ލުއިކުރުމަށް މީހުން ގެންގުޅޭ އުސޫލަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، ބަރުދަން ލުއިކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތައް ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔައިދެވޭނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔައިދެއްވާނީ ތަޖުރިބާހުރި ޑޮކްޓަރުންނާއި ޑައިޓޭޝަނުންނެވެ.

އާއްމުންނަށް ހުޅުވާލައިގެން ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އިންސްޓިިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަނަށް ގުޅައިގެން ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މި ޕްރޮގްރާމްގައި ފަސް ވައްތަރެއްގެ ޑައިޓެއް ގެންގުޅޭ ކަމަށާއި، ޕްރޮގްރާމްގައި ބައިވެރިވުމުން އެންމެ ފުރަތަމަ ވެސް އެ ބޭފުޅެއްގެ ބޮޑީ ޗެކަޕެއް ހަދައި، އެ ބޭފުޅަކު އެންމެ އެކަށީގެންވާ ކަސްރަތު ޕްރޮގްރާމަކަށް ދެވޭނެ ކަމަށެވެ.

މީގެ ބޭނުމަކީ ކޮންމެ ބޭފުޅަކު ވެސް ކުރާ ކަސްރަތަކީ އެ ބޭފުޅަކަށް އެންމެ އެކަށީގެންވާ ކަސްރަތު ކަމުގައި ހަދައި، ވީހާވެސް ފައިދާހުރި ގޮތަކަށް ހަށިގަނޑު ގިނަ ދުވަހު ރަނގަޅު ސިއްހަތެއްގައި ދެމެހެއްޓޭނެ ގޮތަކަށް ކަންކަން ކުރަން ދަސްކޮށްދިނުން ކަމަށްވެސް ރަހީމާ ވިދާޅުވި އެވެ.