މިއަހަރުގެ މެއިމަހު ބާއްވާ ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގައި ގްރޭސް ޕޯއަށް ވާދަކުރެއްވޭނެ ކަމަށް އެގައުމުގެ ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ފިލިޕީންސްގެ ސްޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅުނީ، ގްރޭސް ޕޯއަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނޭ ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެންނެވެ.
ޕޯއަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނޭ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅީ، ޕޯއަކީ ފިލިޕީންސްގެ ދެމަފިރިޔަކު "އެޑޮޕްޓް" ކޮށްގެން ބަލައި ބޮޑުކުރި ބޭކަނބަލަކަށް ވެފައި، އެކަމަނާއަކީ ފިލިޕީންސަށް އަސްލު އުފަން ބޭކަނބަލަކަށް ނުވުމާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭ މިންވަރަށް އެކަމަނާ ފިލިޕީންސްގައި ދިރުއުޅުއްވާފައި ނުވާކަމަށް ބުނެއެވެ.
މިމައްސަލާގައި ފިލިޕީންސް ސްޕްރީމް ކޯޓަށް ހުށަހެޅުނު ޕެޓިޝަން ފާސްވީ ގްރޭސް ޕޯއާ އެއްކޮޅަށް 9 ވޯޓް ލިބިގެންނެވެ. ސްޕްރީމް ކޯޓުން މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގެ 6 ބޭފުޅަކު ޕެޓިޝަންއާ ދެކޮޅަށް ވޯޓް ދެއްވިއެވެ.
ގްރޭސް ޕޯއަކީ ފިލިޕީންސް ސެނޭޓްގެ މިހާރުގެވެސް މެމްބަރެކެވެ. އެކަމަނާއަކީ ފިލިޕީންސްގެ އެންމެ މަޝްހޫރު ފިލްމީ ދެތަރިން އެޑޮޕްޓްކޮށްގެން، ދަރިޔަކަށް ހަދައިގެން ގެންގުޅެ ބޮޑުކުރި ބޭކަނބަލެކެވެ.
ގްރޭސް އެޑޮޕްޓްކޮގެން ބަލައިބޮޑުކުރި އޭނާގެ ބައްޕަ ފެނާންޑޯ ޕޯވަނީ 2004 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަ ކުރައްވައިފައެވެ. އޭރުގެ ރައީސް ގްލޯރިޔާ މަކަޕަގާލް އަރޯޔޯއާ ވާދަކުރައްވައި ފެނާންޑޯ ވަޑައިގެންނެވީ ދެވަނައަށެވެ. ފެނާންޑޯ ވަނީ އަވަހާރަވެފައެވެ.
ފިލިޕީންސްގެ ގާނޫނުއަސާސީ ބުނާގޮތުން، ފިލިޕީންސަށް އުފަން ކޮންމެ މީހަކީ އެގައުމުގެ ރައްޔިތެއް ކަމުގައި ބެލެވޭނެއެވެ. ފިލިޕީންސްގެ އިދިކޮޅު ފަރާތްތަކުން ބުނަނީ މިމާއްދާއިން ގްރޭސް ފެއިލްވެފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ، ގްރޭސްގެ އަސްލު މައިންބަފައިންނަކީ ފިލިޕީންސްގެ ރައްޔިތުން ކަމުގައި އެނގޭނޭ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.
އަދި ގްރޭސް ޕޯ އެމެރިކާގެ ރައްޔިތަކަށްވެސް ކުރިން ވެވަޑައިގެންފައި އޮތުމާއި، ފާއިތުވީ ދިހަ އަހަރު ދުވަހުގެ ތެރޭގައި ފިލިޕީންސްގައި ދިރިއުޅުއްވާފައި ނުވުމުން އެކަމަނާއަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނޭ ކަމަށް ބުނެއެވެ.
މިމައްސަލާގައި ސްޕްރީމް ކޯޓުން ނިންމި ނިންމުމަށް ގްރޭސް ޕޯ ވަނީ މަރްހަބާ ވިދާޅުވެފައެވެ. ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ވެރިރަށް މެނީލާގައި މިއަދު ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕޯ ވިދާޅުވީ، ސްޕްރީމް ކޯޓުގެ ނިންމުމަކީ އެކަމަނާގެ އިތުރުން، ފިލިޕީންސްގެ ނިކަމެތީންނަށާއި، ފަގީރުންގެ އިތުރުން އަންހެނުންނަށްވެސް ލިބުނު ކާމިޔާބީއެއް ކަމަށެވެ.