ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަކީ ޕީޕީއެމުން ތާއީދުކޮށްގެން އެ މަގާމަށް ހޮވާފައިވާ ބޭފުޅެއް ކަމަށާއި އެހެންވީމަ މަސީހު މަގާމުން ވަކިނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ޕާލަމަންޓްރީ ގުރޫޕްގައި 47 މެމްބަރުން އެބަތިއްބެވި ކަމަށާއި އަދި އެމްޑީއޭގެ ޕާލަމަންޓްރީ ގުރޫޕްގައި 5 މެމްބަރުން އެބަތިއްބެވި ކަމަށެވެ. ޖުމްލަ 52 ވޯޓު އޮތީ ޕީޕީއެމްއާއި އެކު ކަމަށް ނިހާން ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ޕީޕީއެމުން ތާއީދުކޮށްގެން މަޖިލީހުގެ ރައީސް ކަމަށް ހޮވާފައިވާ ބޭފުޅަކު ވަކިކުރެވޭނީ ކިހިނެއްތޯ ނިހާން ވަނީ ސުވާލު އުފައްދަވާފައެވެ.

ޕީޕީއެމްގެ ޕާލަމަންޓްރީ ގުރޫޕުން ބުނެފައިވަނީ މަސީހުގެ މައްޗަށް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައަކީ މަޖިލީހުގެ މެޖޯރިޓީއަށް ކުރި މަލާމާތެއް ކަމަށެވެ. އަދި މަސީހާ ދެކޮޅަށް ނެގުމަށް ހުށަހަޅާފައިވާ ވޯޓުން އެމަނިކުފާނު ސަލާމަތް ކުރާނެ ކަމަށް ވެސް ޕީޕީއެމްގެ ޕާލަމަންޓްރީ ގުރޫޕުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅީ 22 މެމްބަރުންގެ ސޮޔާއެކުއެވެ.

އެ މައްސަލާގައި ބުނެފައިވަނީ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމަށްވީހިނދު މަޖިލީހުގެ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މަޖިލީހުގެ ގަވާއިދުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ތަކުރާރުކޮށް އެ ގަވާއިދާ ޚިލާފުވެ މަޖިލީހުގެ ގަދަރާއި ޝަރަފު ނަގާލައި މަޖިލީހުގެ ދައުރު އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި މެމްބަރުންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ އެމަނިކުފާނަށް އެއްވެސް ވަރެއްގެ އިތުބާރެއް ނެތުމުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ 18 ވަނަ މަޖިލީހުގައި ހިންގަމުންދާ ހަމަނުޖެހުންތަކަކީ ސީދާ މަސީހު އަޑީގައި ހުންނަވައިގެން ހިންގަމުންދާ ކަންކަން ކަމަށެވެ.

މީގެ އިތުރަށް ތަފާތު ގާނޫނުތަކަށް އިސްލާހު ހުށަހަޅައި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސްގެން ސަރުކާރުން ބޭނުންވާ ކަންކަން ބޭނުންގޮތަކަށް މަސީހު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ނާއިބުރައީސުން ވަކިކުރި މައްސަލައާއި، ޕީޖީ ވަކިކުރި މައްސަލައިގައި ވެސް ޖަވާބުދާރީވުމަށް ފުރުސަތު ނުދީ މަޖިލީހުގެ މުހިންމު ކޮމިޓީތައްވެސް ސިއްރުކޮށްގެން ގެންދަވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.