ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލުޔެއް ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީއަށް ސަރުކާރުން ދިން ދައުވަތު ގަބޫލުނުކޮށް އެމްޑީޕީން މަޝްވަރާއަށް ހާޒިރުނުވުމުން މިއަދުގެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.

އެމްޑީޕީއާ ވަކިން ބައްދަލުކުރަން މިއަދު މެންދުރު 1:00 ޖެހިއިރު ބޭއްވި ބައްދަލުވުމަށް އެމްޑީޕީން ހާޒިރުވެފައެއް ނުވެ އެވެ. ނަމަވެސް މިބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވުމަށް ހަމަޖެހިފައިވާ ވަޒީރުން އެވަގުތު ރައީސް އޮފީހުގައި މަޑުކުރައްވައިގެން ތިއްބެވި އެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ނަޝީދަށް ލުޔެއް ދިނުމަށް ސަރުކާރާ މަޝްވަރާކުރަން ދައްކާނެ ވާހަކައެއް ނެތް ކަމަށް އެމްޑީޕީން ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އެމްޑީޕީން ބޭނުންވަނީ ރައީސް ނަޝީދު މިނިވަންކުރުމަށް ކަމަށާއި ނަމަވެސް ނަޝީދަށް ލުޔެއް ދިނުމަށް ނުވަތަ މިނިވަންކުރަން ކުރެވޭނެ ކަންކަމަކީ ކޮބައިކަން ސާފުވާނީ މަޝްވަރާކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީން މަޝްވަރާއަށް ހާޒިރުނުވުމުން އެޕާޓީގެ އިހްލާސްތެރިކަމެއް ނެތް ކަން އިނގޭ ކަމަށާއި އަދި ރައީސް ނަޝީދު މިނިވަންކުރަން އެމްޑީޕީން ބޭނުންވާ ކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ.

"އެމްޑީޕީއަށް އެންމެ އުދަނގޫ ކަމަކަށް މިވަނީ ނަޝީދު ހައްޔަރުކޮށްފައި ހުރުން. އެކަމަށް ހައްލެއް ހޯދަން ވާހަކަ ދައްކަން އަންނަން ދައުވަތު ދިނީމާ އެކަމަށް ނާދެވޭނަމަ ނަޝީދަށް އިހްލާސްތެރި ބަޔަކު ނެތީ ނޫންތޯ ޕާޓީގައި އަޅުގަނޑުމެން ދެކޭ ގޮތުގައި،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަޝްވަރާއަށް ސަރުކާރުން ގޮވާލީ ވަރަށް އިހްލާސްތެރިކަމާއި އެކު ގައުމުގައި މައްސަލަތަކެއް ހުރި ނަމަ މަޝްވަރާކޮށްގެން އެކަންކަން ހައްލުކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން މަަޝްވަރާތަކުގައި ބައިވެރިވޭތޯ ބެލުމަށް ސަރުކާރަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށާއި މަޝްވަރާތަކުގައި ބައިވެރިވުމަށް އެމްޑީޕީއަށް އަދިވެސް ދައުވަތު ދޭނެ ކަމަށެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތައް މިމަހުގެ ދެވަނަ ދުވަހުގެ ރޭ ފަށާފައިވާއިރު އެ ބައްދަލުވުމަށް ދައުވަތު ދެވުނު ހަ ޕާޓީގެ ތެރެއިން ހާޒިރުވެފައި ނުވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީންނެވެ. މާޗް މަހުގެ ތިންވަނަ ދުވަހު ވެސް ޕާޓީ ތަކުގެ މަޝްވަރާ ބައްދަލުވުން ބާއްވަން ނިންމާ އެމްޑީޕީއާއި އަދާލަތު ޕާޓީއަށް މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ދެވުނެވެ. ނަމަވެސް ދެވަނަ ދުވަހުގެ މަޝްވަރާތަކަށް ވެސް މި ދެ ޕާޓީ ހާޒިރުނުވުމުން ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތައް ވަނީ ކުރިއަށްދާ ގޮތް ނުވެފަ އެެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީން ބުނީ މަޝްވަރާތަކަށް ދެވޭނީ ނުހައްގުން ދައުވާކޮށް ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނާއި ނުހައްގު ދައުވާތައް އުފުލާފައިވާ ސިޔާސީ ފަރާތްތައް މިނިވަންކުރުމުން ކަމަށެެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާއަށް އަދާލަތާއި އެމްޑީޕީ ހާޒިރު ނުވާތީ މިބައްދަލުވުންތަކުގައި ބައިވެރިވާ ޕީޕީއެމް، އެމްޑީއޭ، ޖޭޕީ އަދި ޑީއާރްޕީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީ އާއި އަދާލަތު ބައިވެރި ކުރުމަށް ބާރު އެޅުމަށް ދިވެހި ސަރުކާރުން ވަނީ އދ. ގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.