ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފި އެވެ.

މި އޮތޯރިޓީ އުފެއްދެވުމާ ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގާގޮތަށް ރައީސުލްޖުމްހޫރިއްޔާ މީގެކުރިން އުފައްދަވާފައިވާ "ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް" މިއަދު ވަނީ އުވާލައްވާފަ އެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ޓެލެކޮމިއުނިކޭޝަންގެ މަސައްކަތްތަކާއި، ސްޕެކްޓްރަމް ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ޕޯސްޓުގެ ދާއިރާ ބެލެހެއްޓުމުގެ މަސައްކަތްތަކާއި، އިންފޯކޮމިއުނިކޭޝަންގެ ދާއިރާއާ ގުޅޭގޮތުން ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާ ގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭޝަންގެ ދާއިރާ ރެގިއުލޭޓްކުރުމަށް ބޭނުންވާ ނިސްބަތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

މީގެއިތުރުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނަކުން އެ އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ މަސައްކަތްތަކާއި، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރުމަށްޓަކައި ނުވަތަ ކުރުމަށް މަގުފަހިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، މިނޫންވެސް އެ ގާނޫނު ހިންގުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ވެސް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައިވެ އެވެ.