އަންހެނުންނާ މެދު ކުރެވޭ އެންމެހާ ތަފާތުތަށް ނައްތާލުމަށްޓަކައި "ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯރމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން" ނުވަތަ ސީޑޯ މުއާހަދާގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޒު ނަގަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި ‏އެވެ.

މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަ އިން ހުށަހެޅުއްވި ކަރުދާހާ ބެހޭގޮތުން އެ މަޖިލީހުގައި މަޝްވާރާކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ މިއަދުގެ މަޝްވަރާތަކުގައި ނިންމެވީ ސީޑޯގެ 16 ވަނަ މާއްދާގެ އެއްވަނަ ނަންބަރުގެ (ބީ)، (އީ)، (އެފް)، (ޖީ)، (އެޗް) އަދި އެމާއްދާ ދެވަނަ ނަންބަރުން އިއުތިރާޒު ނެގުމަށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކަން ރައްޔިތުންގެ މަޖިލީހަށް ފާސްކުރެއްވުމަށް ހުށަހެޅުއްވުމަށްވެސް މިއަދު ނިންމެވި އެވެ.

ރައީސް އޮފީހުން ބުނީ މިއަދުގެ ޖަލްސާގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި "އެގްރިމަންޓް އޮން އެސްޓެބްލިޝިން ދަ ސާކް ސީޑް ބޭންކް" ދިވެހިރާއްޖެއިން ތަސްދީގުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވި މި އެއްބަސްވުން ރާއްޖެއިން ބަލައިގަތުމަށް ވެސް ނިންމެވި ކަމަށެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ގަސްގަހާގެހީގެ މުޑުވަށް އޮށުގެ އެކި ވައްތަރުތައް މެންބަރު ގައުމުތަކަށް ލިބޭނެގޮތްވުމާއި، މި ނިޒާމުގެ ދަށުން ކާރިސާއެއް ދިމާވާ ހާލަތުގައި މެންބަރު ގައުމުތަކުގެ މެދުގައި މުޑުވައް ބަދަލުކޮށް މުޑުވައް ހޯދުމަށް ދިމާވާ ދަތިތަށް ހައްލުކުރުމެވެ.

މީގެ އިތުރުން މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖެ ބައިވެރިވެ ތަސްދީގުކޮށްފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމް ވާކް ކޮންވެންޝަން އިން ކުލައިމެޓް ޗޭންޖްގެ ދަށުން އެކުލަވާލެވިފައިވާ "ޕެރިސް އެގްރިމަންޓް" ދިވެހިރާއްޖެއިން ރަސްމީގޮތުން ބަލައިގަތުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުން ނިންމެވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.