"ފަހިއަލި" ޕްރޮގްރާމްގެ ދެވަނަ ފިޔަވައްސަށް ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ ލެޑްލައިޓް ތަކުގެ ތެރެއިން ދައުލަތުގެ މުއައްސަސާތަކާ ހަވާލުކުރުމަށް ހަމަޖެހިފައިވާ އެލްއީޑީ ލައިޓް ސްޓެލްކޯ އިން ބަހަން ފަށައިފި އެވެ.

މިމަހު އެއްވަނަ ދުވަހު ޗައިނާ ސަރުކާރުން ރާއްޖެއަށް ދެލައްކަ ދިހަހާސް އެލްއީޑީ ލައިޓް ހަދިޔާކޮށްފައިވެ އެވެ.

އެލްއީޑީ ލައިޓް ތަކުގެ ތެރެއިން 79000 އެލްއީޑީ ހޮޅިބުރި ސަރުކާރު މުއައްސަސާތަކުގައި ބޭނުން ކުރަން ވަނީ ނިންމާފަ އެވެ. އަދި 130،000 އެލްއީޑީ ލައިޓް އާންމު ރައްޔިތުންނަށް ބެހުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްޓެލްކޯގެ ސީނިއާ އިންޖިނިއާ އިބްރާހިމް ރައުފް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ގެއަކަށް ފަސް އެލްއީޑީ ލައިޓް ދޭނެ ކަމަށާއި، ލަހުން އަތުވެއްޖެނަމަ އެލްއީޑީ ލައިޓް ނުލިބުން ގާތް ކަމަށެވެ.

މިހާރު ވެސް 30000 އަށް ވުރެ ގިނަ އެލްއީޑީ ލައިޓް ދޫކޮށްފައިވާނެ ކަމަށާއި މި ލައިޓްތަކުގެ ސަބަބުން ކަރަންޓް ބިލް އެތައް ގުނަ އެއް ކުޑަ ވެގެންދާނެ ކަމަށްވެސް ރައުފް ވިދާޅުވި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ނުވަ ވޮޓުގެ ސީއެޕްއެލް ބޮކީގެ ބަދަލުގައި ހަތް ވޮޓުގެ ލެޑްލައިޓްތައް ބޭނުން ކުރުމުން ދުވާލެއްގެ މައްޗަށް 426000 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭ ކަމަށާއި، 18 ވޮޓުގެ ފްލޮރިސެންޓް ހޮޅުބުރީގެ ބަދަލުގައި ނުވަ ވޮޓުގެ ލެޑް ހޮޅިބުރި ބޭނުން ކުރުމުން ދުވާލެއްގެ މައްޗަށް އެއްމިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށެވެ.

ޗައިނާ ސަރުކާރުން ހަދިޔާކުރި ލެޑް ލައިޓުތަކަށް 10 މިލިއަން ރުފިޔާ އަރަ އެވެ.