މުޖުތަމައަށް ފައިދާ ހުރި މަސައްކަތް ކުރާ އަންހެނުންގެ އަގު ވަޒަންކުރުމަށް ސަރުކާރުން ދޭ ރެހެންދި އެވޯޑު މިއަހަރު ނުވަ ބޭފުޅަކަށް ދީފިއެވެ.
މިއެވޯޑަކީ އަންހެނުން ގައުމީ ޚިދުމަތަށް ނެރުމަށް ބާރު އެޅުމާއި، މުޖުތަމައަށް ފައިދާހުރި ޚިދުމަތް ކުރާ އަންހެނުން ފާހަގަކުރުމާއި، ގައުމީ ތަރައްގީގައި ހިއްސާކުރާ ޚިދުމަތެއް ދޭ އަންހެނުންނަށް ހިތްވަރު ދިނުމާއި، ޖަމާއަތަށް ފައިދާހުރި މަސައްކަތް ކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމާއި، އެމީހެއްގެ ނަމޫނާއިން ބާރުވެރިވެގެން އެހެން އަންހެނުން ކުރިއަރައިދިއުމަށް ހިތްވަރު ލިބޭ އަންހެނުންގެ މަސައްކަތް ފާހަގަކުރުމާއި އަދި އަންހެނުންގެ ޝަޚްސީ ކުރިއެރުމަށް ހިތްވަރުދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެވޯޑް ހާސިލްކުރެއްވީ ޅ. ނައިފަރު، މާތިލަ، ސާޖަންޓް ފަސްޓް ކްލާސް ޝަހުމާ ޔޫސުފް، ހ. ފަހިފާ، އާބިދާ ރަޝީދު، ލ.ފޮނަދޫ މުރިނގު، ފާތިމަތު ޒަޢީމާ، ގ. ވެނެޒިޔާ، އައިމިނަތު ލީލާ، މ. ރޭޝަމް، ޑރ. އައިޝަތު މުނީޒާ، ވ. މެވެލިމާ، ފާތިމަތު ޝަފީގާ، މ. އާސްތާނާ، އައިމިނަތު އާތިފާ، މ. މުލައް، ހުސްނޫވިލާ، ފާއިޒާ ހުސެއިންގެ އިތުރަށް ގ. ސިނާމޯ އައިމިނަތު ނަޒްލީ އިބްރާހީމްއެވެ.
ރެހެންދި އެވޯޑް ހާސިލުކުރެއްވި ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ.
ރެހެންދި އެވޯޑަކީ 2014 ވަނަ އަހަރު ސަރުކާރުން ތާރަފްކުރި އެވޯޑެކެވެ.
މިއެވޯޑް 2014 ވަނަ އަހަރު 2 ބޭފުޅަކަށް ލިބިވަޑައިގެންނެވިއިރު 2015 ވަނަ އަހަރު އެވޯޑް ހާސިލްކުރެއްވީ 3 ބޭފުޅުންނެވެ.
އަދި މިއަހަރު މިވަނީ ނުވަ ބޭފުޅަކު މި އެވޯޑު ހާސިލްކުރައްވާފައެވެ.