ރާއްޖޭގެ ތައުލީމީ ދާއިރާގެ ކަންކަން ކުރިއެރުވުމާ ގުޅޭގޮތުން ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯޝިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުން އިންޑިއަން ހައިކޮމިޝަނާ އަކިލޭޝް މިޝްރާއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ހައިކޮމިޝަނާ ވަނީ ގައުމު ބިނާކޮށް ކުރިއެރުވުމުގައި ތައުލީމީ ދާއިރާ ކުރިއެރުވުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފަ އެވެ.
ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯޝިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ އިންޑިޔާގެ ޔުނިވާސިޓީތަކާ ކަމާ ގުޅުންހުރި އިދާރާތަކާއި އެކު ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިޔާލު ބަދަލުކޮށް އެކި ކަންކަމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރެވުނު ކަމަށެވެ.
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި އިންފޮމޭޝަން ސިސްޓަމްސް ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން އިތުރަށް މައުލޫމާތު ހިއްސާކޮށް ރާއްޖޭގެ ލެކްޗަރާއިންނަށް ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް ވެސް އިންޑިއަން ހައިކޮމިޝަނާ ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އޮފް މޯލްޑިވްސްގެ ރައީސް ހަސަން އަބްދުﷲ ސައީދާއި، ނައިބް ރައީސް އަބްދުލް އަޒީޒް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.