ތަފާތު ދާއިރާތަކުން ފަންނީ ތަޖުރިބާއާއި ތައުލީމު ލިބިފައިވާ އަންހެން ބޭފުޅުން މަދުކަމުން އަންހެނުންނާ ބެހޭ ގައުމީ ސިޔާސަތު ތަންފީޒު ކުރުމަށް ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށް ބަންޑާރަނައިބް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީ ހިންގުމާ ވެސް ހަވާލުވެވަޑައިގެން ހުންނެވި ބަންޑާރަނައިބް މުހައްމަދު އަނިލް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އަނިލް ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ސަަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ދާއިރާތަކަށް ފަންނީ ބޭފުޅުން ލިބުން ދަތިވުން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އަންހެނުންނާ ބެހޭ ގައުމީ ސިޔާސަތު ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ސިޔާސަތުތައް ތަންފީޒުކުރަން ބޭނުންވާ ފަންނީ ތަމްރީނު ލިބިފައިވާ މީހުން މަދުވުމުންނާއި ގިނަ ދާއިރާތަކުގައި ޖެންޑާގެ ނަޒަރިއްޔާ ހިމަނައިގެން މަސައްކަތް ކުރުން މަދުވުން ގޮންޖެހުންތަކެއް އެބަހުރި" އަނިލް ވިދާޅުވި އެވެ.

ބަންޑާރަނައިބް ވިދާޅުވީ އަންހެނުންނާ ބެހޭ ގައުމީ ސިޔާސަތު ތަންފީޒު ކުރުމުގައި ދިމާވެފައި ހުރި މައްސަލަތައް ބަލައި އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރެވެމުންދާ ކަމަށެވެ. އެގޮތުން މި ސިޔާސަތު ތަންފީޒު ކުރާ މިންވަރު ރައީސް އޮފީހުގެ ހާއްސަ ކޮމެޓީއަކުން ބަލައި މޮނީޓާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ސިޔާސީ މައިދާނަކީ އަންހެނުންނާ ފިރިހެނުންނަށް ހަމަހަމަ ކަމާއި އެކު މަސައްކަތް ކުރެވިދާނެ ދާއިރާއެއް ކަމަށެވެ. ނަމަވެސް ސިޔާސީ މައިދާނުގެ އިސް ސަފުގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުން ނިސްބަތް ވަރަށް މަދުކަން ފާހަގަކުރައްވާ އަނިލް ވިދާޅުވީ އަންހެނުން ބާރުވެރި ބަޔަކަށް ހެދުމަށް ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް އަންހެނުންނަށް ފުރިހަމަ ފުރުސަތު ތަކެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

އަނިލް ވިދާޅުވީ އަންހެނުން ބާރުވެރި ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ގައުމުގެ އިސް މަގާމުތަކުންނާއި ލީޑާޝިޕް ރޯލްތައް އަދާކުރުމަށާއި ސިޔާސަތުތައް ބައްޓަން ކުރަން ކުރެވޭ މަސައްކަތްތަކުގައި އަންހެން ބޭފުޅުން ބައިވެރިކޮށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރެވިއްޖެނަމަ އަންހެނުން ބާރުވެރިކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަންހެނުން ބާރުވެރި ކުރުވުމަކީ އެކަމަށް ހުރި ހުރަސްތައް ނައްތާލުން އެކަނި ކަމަށް ދެކިގެން ނުވާނެ. އަންހެނުން ބާރުވެރި ކުރުވުމަކީ އަންހެން ކުދިންނާ ފިރިހެން ކުދިންނަށް ހައްގުތަކާއި ފުރުސަތުތައް ހަމަހަމަކަމާއި އެކު ހޯދައިދިނުން،" އަނިލް ވިދާޅުވި އެވެ.

ބަންޑާރަނައިބް އަނިލް އިތުރަށް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އަންހެނުން ހިއްސާއަކީ 38 ޕަސަންޓް ކަމަށެވެ. އެ އަދަދު އިތުރުކުރެވޭނެ ކަން ފާހަގަކުރައްވާ އަނިލް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި ޑޭ ކެއާ ސެންޓަރުތައް ފަދަ އިޖުތިމާއީ ހިދުމަތްދޭ ތަންތަން ގާއިމްކޮށް މަސައްކަތުގައި އުޅެވޭނެ ގޮތްތަކެއް ހޯދައިދޭން ޖެހޭނެ ކަމަށެވެ.

މުޖުތަމައަށް ފައިދާ ހުރި މަސައްކަތް ކުރާ އަންހެނުންގެ އަގު ވަޒަންކުރުމަށް ސަރުކާރުން ދޭ ރެހެންދި އެވޯޑު މިރޭގެ ރަސްމިއްޔާތުގައި ވަނީ ނުވަ ފަރާތަކަށް ދީފަ އެވެ.