ސައުދީ އަރަބިއްޔާއިން އެކުލަވާލާފައިވާ އިސްލާމީ ލަޝްކަރުން "ތަންޑަ އޮފް ދަ ނޯތު"ގެ ނަމުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހްމަދު ޝިޔާމް މިރޭ ސައުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހްމަދު ޝިޔާމަށް އިބްރާހިމް ނާސިރު އިންޓަނޭޝަންލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަހްމަދު ޝާހިދެވެ.

އެމްއެންޑީއެފުން ބުނީ ޗީފް އޮފް ޑިފެންސް ފޯސް ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ "ތަންޑަ އޮފް ދަ ނޯތު" އަސްކަރީ ތަމްރީނުތައް ބައްލަވާލައްވާނެ ކަމަށާއި، މިތަމްރީނުތަކުގެ ފައިނަލް އެކްސަސައިޒް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

ދިވެހިރާއްޖެ ހިމެނޭގޮތަށް 20 ގައުމެއް ބައިވެރިވާ މި އަސްކަރީ ފަރިތަކުރުންތަކުގައި، ޓެރަރިޒަމާ ދެކޮޅަށް ގުޅިފައިވާ ގައުމުތަކުން މަސައްކަތްކުރާނެ ގޮތްތަކާއި ހުނަރުތައް އަމަލީ ގޮތުން ދަނީ ފަރިތަކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ތަމްރީނުތަކުގައި އޮބްޒާވަރުންގެ ހައިސިއްޔަތުން ސިފައިންގެ ޓީމެއް ސައުދީ އަރަބިއްޔާގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.