ރާއްޖެއަކީ އެންމެ ފުރަތަމަ ބަޔޮސްފިއަ ގައުމުގެ ގޮތުގައި އިއުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޖަރުމަންވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ގާލާ ނައިޓްގައި ވާހަކަ ދައްކަވަމުންނެވެ.

މިމަހުގެ އަށްވަނަ ދުވަހުން ތޭރަވަނަ ދުވަހަށް ކުރިއަށްދާ އައިޓީބީ ފެއާ ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބޭއްވި ގާލާ އޯޕަނިން ސެރެމަނީގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ރާއްޖެއަކީ އެންމެ ފުރަތަމަ ބަޔޮސްފިއާ ގައުމުގެ ގޮތުގައި އިއުލާން ކުރެއްވުމަށް ކަމަށެވެ. އަދި އެކަން ކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް މިއަހަރު ތައާރަފް ކުރެއްވުމަށް ނިންމަވާފައިވާ ޓޫރިޒަމް ގްރީން އެވޯޑަކީވެސް ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ އެވޯޑަކަށް ހައްދަވާނެ ކަމުގައި ވެސް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އެވޯޑް ދިނުމުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތައް ހިމެނޭނެހެން އެވޯޑްގެ ކަންކަން އިންތިޒާމް ކުރައްވާނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޕްލޭން ތަކެއް އެކުލަވާލެވި އެއަށް އަމަލު ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރާ މަސައްކަތާއި އެކު ފަތުރުވެރިންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިތުރު އިންފްރާސްޓްރަކްޗަ ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިއަހަރުގެ އައިޓީބީ ފެއާގެ ހޯސްޓް ކަންޓްރީއަކީ ދިވެހިރާއްޖެ ކަމަށްވުމާއެކު، ގާލާ ނައިޓްގައި ވަނީ ދިވެހި ސަގާފަތާ އާދަކާދަ ދައްކުވައިދޭ ގިނަ ހުށަހެޅުންތަކެއް ދައްކާލާފަ އެވެ. މީގެ ތެރޭގައި ބޮޑު ބެރުޖެެހުންފަދަ ސަގާފީ ކުޅިވަރުތައްވެސް ހިމެނެ އެވެ.